ކުޅިވަރު

ސަސުއޯލޯގެ މައްޗަށް ކުރިހޯދައި، ޔުވެންޓަސްއިން އުއްމީދު އާކޮށްފި


އިޓާލިއަން ސެރީއާގައި ޔުވެންޓަސް އާއި ސަސުއޮލޯ ބައްދަލުކުރިމެޗް ޔޫވޭ ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފަހު ޖާގައިގާ ފައިހަރުކޮށްލައިފިއެވެ. ސަސުއޮލޯގެ ދަނޑުގައި ކުޅުނު މިމެޗް ޔޫވޭއިން ކާމިޔާބުކުރީ ފަހަތުން އަރާ ދެލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސަސުއޮލޯއިންނެެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ ރަސްޕަޑޯރީއެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތް މިނެޓްފަހުން ޔޫވޭގެ ޕައުލޯ ޑިބާލާވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މިމެޗުން ޔޫވޭ މޮޅުވި ލަނޑު މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހާދިނީ މޮއިސް ކީންއެވެ.

މިކާމިޔާބީއާއެކު ޔޫވޭއަށް މިވަނީ ކުޅުނު 34 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ސަސިއޮލޯ އުޅެނީ 46 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.