ޚަބަރު

ސިއްޙީ ދާއިރާއަށް އަނެއްކާވެސް ހެޔޮ ބަދަލެއް މިއަހަރު އަންނާނެ - ނަޞީމް

ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޚިދުމަތް ފުޅާ ކުރުމަށްޓަކައި ސަރުކާރުން ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށާއި އަނެއްކާވެސް މިއަހަރު ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަޞީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެސްޓީއޯއާ ހަވާލުކޮށްގެން އަތޮޅުތަކުގެ ރަށްރަށަށް ފޯރުކޮށްދިނުމަށް ގެނައި 96 އެމްބިއުލާންސް ހެލްތުމިނިސްޓްރީއާ ޙަވާލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަނީ މިމަޝްރޫޢުގެ 96ވަނަ އެމްބިއުލާން ހަވާލުކުރިކަމުގެ ލިއުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަޞީމަށް ދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށަށް ފޯރުކޮށްދިނުމަށް ގެނައި 96 އެމްބިއުލާންސް ހެލްތު މިނިސްޓްރީއާ ޙަވާލުކޮށް ނިންމުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމް ވިދާޅުވީ ސިއްޙީ ދާއިރާގައި އެސްޓީއޯގެ ފަރާތުން އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި އެބަހުރިކަމަށާއި މަޝްރޫއތައް ކުރިއަށް ގެންދިޔުމަށް ދަތިތަކާ ކުރިމަތިލާންވެސް ޖެހުނުކަމަށެވެ. އެހެންނަމަވެސް އެފަދަ ދަތިތައް ހައްލުކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް މިހާރު އައިސްފައިވާ ކުރިއެރުމަކީ މި ސަރުކާރުގެ ބުރަ މަސައްކަތްކަމަށާ، މިއަހރު ނިމެންވާއިރަށް ސިއްހީ ދާއިރާގައި ރާވަމުން އައި ސްޓްރެޓެޖީތައް ނިންމައި ހަރުދަނާ ކަމާއެކު ޚިދުމަތް ދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއހަރުގެ ތެރޭގައި އާ ހޮސްޕިޓާތަކުގެ މަސައްކަތްތައްވެސް ފެށޭނެކަމަށާއި އާ ހޮސްޕިޓާތައް ހެދުމަށްބޭނުންވާ ފައިސާވެސް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"17 ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުގެ ޖާގަ ބޮޑު ކުރުމަށް ވަނީ ކޮންޓްރެކްޓް ކޮށްފައި. މޮބައިލް ލެބްގެ ޚިދުމަތަކީ މުހިންމު ޚިދުމަތެއް. އެކަން ފުޅާކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން މި އަންނަނީ މި ޚިދުމަތްވެސް މިއަހަރުގެގެ މެދާ ހިސާބުގައި ރަނގަޅުވެގެންދާނެ."މިނިސްޓަރ ނަޞީމް ވިދާޅުވިއެވެ.

އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. މިމަސައްކަތަކީ އެމްބިއުލާންސް ނެތި ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ.