ޚަބަރު

ވަކިކުރުމަށް ނިންމި ދެ ފަނޑިޔާރުންގެ ސިޓީއެއް ލިބުމުން ކޮމިޓީން އެކަން ބަލަނީ


ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ސިޓީއެއް އެ މައްސަލަ ދިރާސާކުރާ ޖުޑީޝަލް ކޮމިޓީއަށް ލިބިފައިވާތީ އެކަން އިތުރަށް ސާފުކުރުމަށް ކޮމިޓީން ނިންމައިފިއެވެ.

މިދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. މިމައްސަލާގައި ވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް މި ދެފަނޑިޔާރުން ނިންމެވިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުނެވެ. މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަޙްޤީޤުކުރެއްވުމަށްފަހުއެވެ.

ޤާނޫނުގައި ބަޔާންކުރަނީ ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން މަޖިލީހަށް ހުށައަޅައިފިނަމަ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ތަޅުމުގައި ވޯޓަށް އަހަންޖެހޭނެކަމަށެވެ. މިގޮތުން ޖޭއެސްސީން ޤާނޫނީ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ކޮމިޓިން ބަލަންޖެހޭނެއެވެ.
މި މައްސަލާގައި ޖުޑީޝަރީ ކޮމިޓީ ބޭއްވުމުގެ ކުރިން ވަކިކުރަން ނިންމެވި ދެ ފަނޑިޔާރުންގެ ފަރާތްޕުޅުން ކޮމިޓީއަށް ސިޓީއެއް ލިބިފައިވާތީ ސިޓީގައި ބަޔާންކުރާ ކަންކަން އިތުރަށް ސާފުކުރުމަށް ކޮމިޓީން ނިންމެވިއެވެ. އެހެންކަމުން ފަނޑިޔާރުން ވަކިކުރުމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ކޮމިޓީން ނުނިންމައެވެ.

ކޮމިޓީއަށް ދެ ފަނޑިޔާރުން ފޮނުވި ސިޓީީގައި ވަނީ ފްލެޓް ލިބުނު އެހެން ފަނޑިޔާރުން ޝަރަފްވެރިކަމާއެކު ރިޓަޔަރވުމުގެ ފުރުޞަތު ދެއްވާފައިވާކަމަށެވެ. އަދި އެ މައްސަލަ ބެއްލެވި ޖޭއެސްސީގެ ކޮމިޓީން ރިޕޯޓަށް ބަދަލުތަކެއް ގެންނަވާފައިވާކަމުގެ ޝަކުވާވެސް ފަނޑިޔާރުންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން އެކަންކަން ބަލަންޖެހޭކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މެންބަރުން ނިންމެވިއެވެ.

ޖޭއެސްސީން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ. ފަނޑިޔާރުންނަށް ހައުސިންގ ހަމަޖެއްސުމުގެ އުޞޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްކަމަށާ، ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް މިގޮތަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްޞަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިންގ ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

އެހެންކަމުން ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.