ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައެއް ޤައުމުތަކުން ޤަބޫލެއް ނުކުރޭ: ޝައުނާ


މޫސުމީ ބަދަލުތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅިގެން އުޅެނީ އެކަމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ސީރިއަސް އަދި ކުއްލި ޙާލަތެއްކަން ބައެއް ޤައުމުތަކުން ޤަބޫލުނުކުރާތީކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ކުރިއަށްދާ ރައިސީނާ ކޮންފަރެންސްގައި މިނިސްޓަރ ޝައުނާ ވަނީ މުސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ ހޭދައިގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ.

އިންޑިއާއިން އިންތިޒާމުކުރާ ފޮރިންގ ޕޮލިސީ އަދި ޖިއޯއިކޮނޮމިކްސް ކޮންފަރެންސް ދަ ރައިސީނާ ޑައިލޮގް 2022 ގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކަކީ ސީރިއަސް އަދި އޭގެ ނުރައްކާތެރިކަން ބޮޑެތި ޤައުމުތަކަށް އިޙްސާސް ނުކުރެވޭކަމަށެވެ. އެހެންނޫންނަމަ މިހާރު މިމައްސަލަ އޮތް ހިސާބުން އަވަސް ފިޔަވަޅުތައް އަޅަން ޤައުމުތަކުން މަސައްކަތްކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ދެމުންދާ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތްކަމަށެވެ. އެގޮތުން ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ހޭދަ ކުރުމާއި ޓެކްނޮލޮޖީއަށް ހޭދަ ނުކުރެވޭކަމަށެވެ. އެހެންނަމަވެސް އެކަން ޤަބޫލުނުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިކަމަށް ހޭދައާއި ޓެކްނޮލޮޖީގެ އެހީވެސް އީޖާދުވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ އެކަންކަމަށް މަގުފަހިވެފައި ނެތީކަމަށެވެ. އަދި އެވަޞީލަތްތައް ފޯރުކޮށްނުދެވެނީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ ކުދި ޖަޒީރާ ޤައުމުތަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. .

މިއަދު ދުނިޔޭގައި މިއޮތް ޖީލަކީ މޫސުމީ ބަދަލުތަކާއި ދެކޮޅަށް ފިޔަވަޅެއް އަޅަން ފުރުސަތު ލިބޭނެ އެންމެ ފަހުގެ ޖީލުކަން ފަހަގަކުރައްވާ މިނިސްޓަރ ވަނީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް އެދިވަޑައިގަންނަވާފައެވެ.

މި ކޮންފަރެންސްގައި މިނިސްޓަރ ޝައުނާ ވަނީ ޤައުމުތަކުގެ މެދުގައި އޮތް ހަމަނުޖެހުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ނިޒާމަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފާހަގަކުރައްވާ ޤައުމުތަކުން ސުލްޙަވެ، ހުރިހާ މައްސަލައެއް ޤައުމުތަކުގެ މެދުގައި ޙައްލުވުމާއި ހަމައަށް ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތައް މަޑުނުޖެހޭނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ރައިސީނާއަކީ އިންޑިއާއިން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ 7 ވަނަ ކޮންފަރެންސްއެވެ. "ޓެރަނޯވާ" ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މިކޮންފަރެންސްގައި ދުނިޔޭގެ 90 ޤައުމަކުން 200 ފަރާތަކުން ބައިވެރިވެއެވެ.