ޚަބަރު

މިރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެތި ފާއިތުވި 3 އަހަރަށްވުރެ އިތުރު


މިއަހަރުގެ ރޯދަމަހު ރާއްޖެ އެތެރެކުރި ކާބޯތަކެތީގެ އަދަދު ފާއިތުވި ތިން އަހަރުގެ ރޯދަމަހާއި އަޅާ ބަލާއިރު، އިތުރުކަމަށް އެމްޕީއެލުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު، އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މިރޯދަމަހު އެކުންފުނީގެ މަޤްސަދަކަށްވީ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ކްލިއަރކުރުންކަމަށެވެ. އެގޮތުން މި މަޤްސަދު ހާސިލްކުރުމަށްޓަކައި ޕޯޓުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

" މިދިޔަ ތިން ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަރަށް ރަނގަޅަށް މަސައްކަތްކުރެވިފައިހުރީ، އެއްވެސް ކަހަލަ ދަތިކަމެއް ނެތި، ގެނެވުނު ހުރިހާ ޝިޕްމަންޓުތަކެއް ބޭރުކުރެވި، ބާޒާރާ ހަމައަށް ފޯރުކޮށްދެވިފައި މިވނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ފާހަގަކުރެއްވިގޮތުގައި ރާއްޖެއަށް މި އަހަރުގެ ރޯދަމަހު އެތެރެކޮށްފައިވާ ކާބޯތަކެތީގެ އަދަދު ވަނީ ފާއިތުވި ތިން އަހަރުގެ ރޯދަމަހަށްވުރެ އިތުރުވެފައެވެ. އަދި ރާއްޖެއަށް މިހާ ގިނަ އަދަދަކަށް މުދާ އެތެރެކޮށްފައިވާއިރު، ރޯދަމަހަށް އެކުންފުނިން ވަރަށް ބޮޑަށް ތައްޔާރުވި ކަމަށާއި، އޭގެ ނަތީޖާވެސް ރަނގަޅުކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ މުޙައްމަދު މަސީހު ވިދާޅުވީ ފާއިތުވީ 3 ހަފްތާގައި ބަނދަރުގެ މަސައްކަތް ކުރިއަށްގޮސްފައިވަނީ ވަރަށް ބާރުބޮޑުކޮށް ކަމަށެެވެ.

" ދުވާލަކު ކަހަލަ ގޮތަކަށް ބޯޓެއް ކޯލްކޮށްފައި އެބަހުރި، ކޮންޓެއިނަރއަށް ބަލާއިރު، ކޮންމެ ތިން ދުވަހުން އެއް ދުވަހު ބޯޓެއް ކޯލް ކޮށްފައި އެބައިން، 2019އަށް ބަލާއިރު، ޕެރިޝަބަލް އައިޓަމް ގިނަ މި އަހަރު،" މަސީހު ވިދާޅުވިއެވެ.

އެހެން މަސްމަހާއި އަޅާ ބަލާއިރު ރޯދަމަހުގައި މުދާ އެތެރެކުރާ މިންވަރު ކޮންމެ އަހަރެއްގައިވެސް އިތުރުވެއެވެ. އެގޮތުން މި ރޯދަމަހު ތަކެތީގެ އަގު ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަށް ބޯޓުތަކުން މުދާ ހުސްކުރުމަށް އެމްޕީއެލުން ވަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.