ޚަބަރު

ހިޔާ އެމްއޭސީއެލް ފްލެޓްތައް، ތަނަވަސްވެފައި ހިތްގައިމު


2018ވަނަ އަހަރު ފެށި ހިޔާ މަޝްރޫޢުގައި ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ފްލެޓް އެޅުމަށް ދިން ފުރުޞަތުގައި 4 ކުންފުންޏަކުން ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. މީގެތެރެއިން މަސައްކަތްތައް އެންމެ ބާރަށް ކުރިއަށްގެންދާ އެއް ކުންފުންޏަކީ މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއެވެ.

ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއި ހަވާލުކޮށް އެމްއޭސީއެލް ފްލެޓްތަކުގެ މަސައްކަތް ފެށީ 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ހިޔާ ޕްރޮޖެކްޓްގެ ދަށުން އެމްއޭސީއެލްއިން 14 ބުރީގެ ދެ ޓަވަރު ވަނީ ތަރައްޤީކޮށްފައެވެ.

އެމްއޭސީއެލް ހިޔާ ޓަވަރުގައި ޖުމްލަ 384 އެޕަރޓްމަންޓް ހިމެނެއެވެ. އެއީ 2 ކޮޓަރި އަދި މެއިޑް ރޫމް ހިމެނޭ 240 އެޕަރޓްމަންޓާއި، 1ކޮޓަރީގެ 72 އެޕަރޓްމަންޓެވެ.

މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އެމްއޭސީއެލްއިން ވިދާޅުވީ މުޅި ޕްރޮޖެކްޓްގެ %99 މަސައްކަތް މިހާރު ނިނިފައިވާކަމަށެވެ. ފްލެޓްތަކުގެ މަސައްކަތުގައި ދަތިތަކެއް ކުރިމަތިވީ ޔުޓިލިޓީގެ ޚިދުމަތް ފްލެޓްތަކަށް ގުޅުމަށްކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ފްލެޓްތަކަށް ގުޅުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓްތައް މިހާރުވަނީ އެކުލަވާލާފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެޕަރޓްމަންޓްތައް ލިބުނު މީހުންނަށް ފްލެޓްތައް ދައްކާލުމާއި، އެންމެ ފަހުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތައްވެސް މިހާރު ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެމްއޭސީއެލްއިން ކުރިން ނިންމާފައި އޮތީ އޭޕްރިލް މަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ވެރިންނާ ތަޅުދަނޑި ހަވާލުކުރުމަށްކަމަށެވެ. ނަމަވެސް ބައެއް މަސައްކަތްތަކާއި ގުޅިގެން ލަސްވުމެއް އައިސްފައިވާކަމަށެވެ. ނަމަވެސް ކުންފުނިން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް، ފްލެޓްތައް ހަވާލުކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ ކުންފުނިން މަސައްކަތް ކޮށްފައިވަނީ ހިޔާ މަޝްރޫޢުގައި ހިމެނޭ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ފްލެޓްތަކަށް މި ޕްރޮޖެކްޓް ހެދުމަށްކަމަށެވެ. އެގޮތުން ފްލެޓްތައް ތަރައްޤީކޮށްފައިވާނީ އެންމެ ޒަމާނީ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކުކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާ މަޝްރޫޢު ފެށީ ކުންފުނިތަކަށް ޢަމާޒުކޮށްގެން 36 ޓަވަރު އެޅުމުގެ ޕްލޭނާއެކުއެވެ. ނަމަވެސް މި މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދިޔައީ 4 ކުންފުނިންނެވެ. އެއީ އެމްއޭސީއެލްގެ އިތުރުން ސްޓެލްކޯ، އެމްޕީއެލް އަދި އެމްޑަބްލިއުއެސްސީއިންވެެ.

ހައުސިން ޑިވެލޮޕްމަނޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފައިވަނީ މަސައްކަތް ކުރިއަށްދާ ހުރިހާ ކުންފުނިތަކުގެ ފްލެޓްތައްވެސް މިއަހަރުގެ ޖުލައިގެ ކުރިން ނިންމާ މުވައްޒަފުންނާ ހަވާލުކުރާނެކަމަށް ކުންފުނިތަކުން ބުނެފައިވާކަމަށެވެ.