ކުޅިވަރު

ބޭނުންވަނީ ސަޕޯޓަރުން ކުރިމަތީ މެޑެލް ހޯދަން: ރަފާ


އަންނަ މަހު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި އަމާޒަކީ ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީ މެޑެލް ހޯދުން ކަމަށް ހުނަރުވެރި ޓީޓީ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމް ބުނެފިއެވެ.

މި މުބާރާތައް މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ޓީޓީ ކުޅުންތެރިން އަންނަނީ ތައްޔާރުވަމުންނެވެ. ރަފާ ބުނީ މިދިޔަ އަހަރުން ފެށިގެން މި މުބާރާތައް ރާއްޖެއިން ތައްޔާރުވަމުން އަންނަނީ ވަކި އަމާޒަކަށް ކަނޑައަޅައިގެން މެޑެލް ހޯދަން ކަމަށެވެ. އަދި މެޑެލް ހޯދަން ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި މުބާރާތް އޮތުން ކަމަށް ރަފާ ބުންޏެވެ. ރަފާ ބުނީ މިއީ ރާއްޖޭގެ ކުޅުންތެރިންނަށް މުހިންމު މުބާރާތެއް ކަމަށެވެ.

ރަފާ ބުނީ މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއްކަން އެނގޭ ކަމަށާއި، ހާއްސަކޮށް އިންޑިއާ އާއި ލަންކާ އަކީ ވަރުގަދަ ދެ ޓީމު ކަމަށެވެ.

މި މުބާރާތައް ރާއްޖޭގެ ޓީޓީ ޓީމު ތައްޔާރުވަމުން އަންނައިރު، ޓީޓީ ޓީމުގެ ފަރިތަކުރުންތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި ކޯޗެއްވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.