މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސާ 1-1 އިން އެއްވަރުކޮށް، ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފަހު މެޗުން ވެސް ޕޮއިންޓެއް ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގެ ލީގު ބުުރުގައި ސިފައިން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. ސިފައިން ބަލިވީ ފުަރަތަމަ މެޗުގައި ދަ ގްރާންޑޭ އަތުންނެވެ. ދެން، އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ އެއްވަރުވެފަ އެވެ. ސިފައިން މޮޅުވީ ޕޮލިސް އަތުންނެވެ. ސިފައިން ލީގު ބުރުގެ ހަތަރު ވަަނައިގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ
ފައިނަލުގެ ޖާގަ ޔަގީންކޮށްފައިވާ ހުޅުމާލެ ވެޓެރަންސް އިން ވަނީ ލީގު ބުރުގެ ހަ މެޗު ނިންމާލިއިރު، 14 ޕޮއިންޓް ހޯދައިފަ އެވެ، ފައިނަލުގެ އަނެއް ޖާގަ ހޯދާފައިވާ މޯލްޑިވްސް ސޮކަ މޭޓްސް އިން ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިފަ އެވެ. ސޮކަ މޭޓްސް އިން ލީގު ބުރުގައި ކުޅޭ ފަހު މެޗުގައި ބުދަ ދުަވަހު ހަވީރު ކުޅޭނީ އީގަލްސްއާ އެވެ. ފައިނަލް މެޗު އޮތީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ
ޓާފް އެއް ނަމްބަރު ދަނޑުގައި ހޯމަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ވެޓެރަންސް އަށް ލީޑުނަގައިދިނީ 23 ވަނަ މިނިޓްގައި އިބްރާހިމް މުހައްމަދު އެވެ. ދެ ވަނަ ހާފުގައި ސިފައިން ނަތީޖާ ހަމަހަމަކުރިއިރު، އެ ޓީމުގެ ގޯލު ޖެހީ މެޗުގެ 37 ވަނަ މިނިޓްގައި މުހައްމަދު އަމީން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހުޅުމާލެ ވެޓެރަންސް ޓީމުގެ ނާފިއު މުހައްމަދު އެވެ
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.
ލީގުގައި އަންގާރަ ދުވަހުގެ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރަނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ޕޮލިސް ކްލަބް އެވެ