ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓު ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި މުލިއާގެ ބަލިކޮށް ކަސްޓަމްސް ފައިނަލަށް ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހު ހަވީރު މުލިއާގެ އާއި ބައްދަލުކޮށް ކަސްޓަމްސްއިން ކުރިހޯދީ 74 ލަނޑުންނެވެ.
ކަސްޓަމްސްއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 164 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 65 ލަނޑު ހެދި މަހަމޫދު ރިޔާޒު އާއި 32 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ. ޖަވާބުގައި މުލިއާގެ ޓީމު ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދުނީ 83 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި އިބްރާހީމް ހުސޭންއެވެ.
އޮފީސް ޓޭޕްބޯލް މުބާރާތުގައި ހޯމަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އިމިގްރޭޝަން އާއި ދިވެހި ސިފައިންގެ ކްލަބެވެ. މި މެޗު 5 ވިކެޓުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކްލަބުންނެވެ. އިމިގްރޭޝަނުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 104 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި އަޙްމަދު އާމިރުއެވެ. ޖަވާބުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅެންއަރާ 7 ވަނަ އޯވަރުގެ ތެރޭގައި 105 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި އިސްމާއިލް ނާޝިދު އާއި 22 ލަނޑު ހެދު މުޙައްމަދު ޝަރީފްއެވެ.
ހޯމަ ދުވަހު ވަނީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ މެޗެއްވެސް ކުޅެފައެވެ. އިކްއިވެލަންޓް ލައިންއާ ބައްދަލުކޮށް މި މެޗު 70 ލަނޑުން މި މެޗު ކާމިޔާބުކުރީ ފަތަހަ ސްޓާއެވެ.
ފަތަހަ ސްޓާއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ވަނީ 154 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 55 ލަނޑު ހެދި ސައިދުލް އިސްލާމް އާއި 35 ލަނޑު ހެދި މެހެންދި ހަސަންއެވެ. ޖަވާބުގައި އިކްއިވެލަންޓް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 84 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި ސިރޭސްއެވެ.
ރަމަޟާން ކްރިކެޓް ކާނިވަލުގައި އަންގާރަ ދުވަހު ކުޅެވިގެންދާނީ އޮފީސް ޓޭޕްބޯލް މުބާރާތުގެ ފައިނަލެވެ. ފައިނަލުގައި ކަސްޓަމްސްއިން ބައްދަލުކުރަން ޖެހޭނީ މީރާއާއެވެ.