މުނިފޫހިފިލުވުން

ދުވަސްގަޑަކަށްފަހު އަނެއްކާވެސް "ކޮފީ ވިތް ކަރަން"


ހަވަނަ ސީޒަނަށްފަހު 2019 ވަނަ އަހަރު ނިންމާލާފައިވާ ޑައިރެކްޓަރ / ޕްރޮޑިއުސަރ ކަރަން ޖޯހަރު ހޯސްޓުކުރާ "ކޮފީ ވިތް ކަރަން" 7 ވަނަ ސީޒަން ފަށަން ތައްޔާރުވެއްޖެއެވެ.

އާ ސީޒަންގެ މަސައްކަތް ފަށާނީ މިހާރު މަސައްކަތް ފަށާފައިވާ ކަރަން ޑައިރެކްޓުކުރާ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބޮޑު ބައެއް ނިންމާލުމަށްފަހުއެވެ.

ޕްރީޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ކުރަމުންދާ މި ސީޒަންގެ މަސައްކަތް އަންނަ މަހުގެ މެދުތެރޭގައި ފަށާނެއެވެ. ސީޒަން ޕްރިމިއާ ކުރެވޭވަރުވާނީ އަންނަ ޖޫން އަށްކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އާ ސީޒަންގައި އަކްޝޭ ކުމާރު، ނީތޫ ކަޕޫރު، ވަރުން ދަވަން، ސިދާތް މަލޯތްރާ، ކިއަރާ އަދްވާނީ އަނިލް ކަޕޫރާއި އިތުރު ތަރިންވެސް ފެންނާނެއެވެ. މީގެއިތުރުން "މިޝަން މަޖްނޫ" އިން ހިންދީ ސިނަމާއަށް ތައާރަފްވާ ދެކުނު ތަރި ރަޝްމިކާ މަންދަންވެސް އާ ސީޒަންގައި ފުރަތަމަ ފަހަރަށް ފެންނާއެވެ. ދާދިފަހުން ކައިވެނިކުރި ރަންބީރު ކަޕޫރާއި އާލިއާ ބަޓްވެސް އާ ސީޒަނުން ފެންނާނެއެވެ. އަދި މިއީ ކައިވެންޏަށްފަހު ދެ ތަރިން އެކުގައި ޝޯ އަކުން ފެންނަ ފުރަތަމަ ފަހަރަށްވެސް ވާނެއެވެ.

ކަރަން މިހާރު މަސައްކަތް ކުރަމުންދާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގައެވެ. މި ފިލްމުގައި ރަންވީރު ސިންގް، އާލިއާ ބަޓް، ދަރްމެންދްރާ، ޖަޔާ ބައްޗަން އަދި ޝަބާނާ އާޒްމީވެސް ފެންނާނެއެވެ. މިއާއިއެކު "ގޯވިންދާ ނާމް މެރާ" ، "ޖުގް ޖުގް ޖިޔޯ"، "ބްރަމަސްތްރާ" އަދި "ލައިގާ" އަކީ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ކަރަން ޕްރޮޑިއުސްކުރާ ފިލްމުތަކެވެ.

2004 ވަނަ އަހަރުގެ ނޮވެމްބަރުމަހު ފެށި ކަރަންގެ ޓޯކް ޝޯ "ކޮފީ ވިތް ކަރަން" ގެ 6 ސީޒަނާއިއެކު މުޅިއެކު 12 އެޕިސޯޑު މިހާތަނަށް ވަނީ ދައްކާފައެވެ. މިއީ އިންޑިއާގައި ދެވަނަ އަށް އެންމެ ދިގުކޮށް ގެނެސްދޭ ޓޯކް ޝޯއެވެ. ޝޯ އެންމެފަހުން ނިންމާލާފައިވަނީ 2019 ވަނަ އަހަރުގެ މާޗްމަހުއެވެ.