ޚަބަރު

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ


ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ، ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.  11 ފަރާތަކުން ބައިވެރިވި މިޕްރޮގްރާމްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޒުވާނަކަށް ހޮވިފައިވަނީ އަބްދުﷲ ޒިޙާމްއެވެ. ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމެވެ.ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހަދާ، ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކަށް މުޅިން އަލަށް ވަންނަން ބޭނުންވާ ޒުވާނުން އަހުލުވެރިކުރުވުމަށް ވަން އޮން އެންޑް އޮންލީ ރީތިރަށް ރިސޯޓުން މިދިޔަ އަހަރު ހިންގި ޕްރޮގްރާމްގެ ބައިވެރިން ވަނީ 1 އަހަރު އެރިސޯޓުގައި ހޭދަކޮށް ކަމާ ގުޅޭ އެކި ދާއިރާތަކުން ތަމްރީނު ހޯދާފައިވެއެވެ.އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ޒުވާނަކީ ހުނަވެރިވި ޒުވާނަކަށް ހަދާއި ޒުވާނުން ބާރުވެރިކުރުވާއި އެމީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރީތި ރަށް ރިސޯޓުގެ ޖެނެރަލް މެނޭޖަރ ޖެން ލޫކް ނަރެޓް ވިދާޅުވީ، އެ ރިސޯޓުން ވަޒީފާ ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަމްރީނު ލިބިފައި ތިބި ޒުވާނުންނަށް ކަމަށާއި މި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެރިސޯޓުން ވަޒީފާގެ ފުރުޞަތު މިހާރު ދެއްވާފައިވާ ކަމަށެވެ.އެއް އަހަރުގެ މުއްދަތަށް ރީތި ރަށް ރިސޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ވަޒީފާގެ މައިދާނުގައި  އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ގަޑިއަށް ފަރުވާތެރިވުމާއި، ލީޑަރޝިޕާއި، އެންމެނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރާއި ތަމްރީނު މި ޕްރޮގްރާމްގެ ބައިވެރިންނަށް ދީފައިވާ ކަމަށް ރިސޯޓުން މައުލޫމާތު ދެއްވާފައިވެ އެވެ.މި ޕްރޮގްރާމްގެ ބައިވެރިން ބުނީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އަލަށް ގުޅެން ބޭނުންވާ ފަރާތްތަކަށް ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.މިއީ ރީތިރަށް ރިސޯޓުން ކުރިއަށް ގެންދިޔަ މިފަދަ 5 ވަނަ ޕްރޮގްރާމެވެ.