ޚަބަރު

އިންޑިޔާއާއި ވިލާތުން ގުޅުންބަދަހިކުރަން ވިޔަފާރި ކައުންސިލެއް އެކުލަވާލަނީ


އިންޑިޔާއާއި ވިލާތުގެ އިއްތިޙާދުން އިތުރަށް ގުޅުންބަދަހިކުރަން ވިޔަފާރިއާއި ޓެކްނޮލޮޖީއާބެހޭ ކައުންސިލެއް އެކުލަވާލަން އެއްބަސްވެއްޖެއެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީއަށް ވަޑައިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގައި ވިލާތުގެ ކޮމިޝަންގެ ރައީސް އުރުސުލާ ވޮން ދަ ލަޔަންވަނީ ރަޝިޔާއާއެކު އިންޑިޔާއިން ބާއްވަމުންދާ ގާތްގުޅުންތައް ކުޑަކުރަން ބާރުއަޅުއްވައިފައެވެ. ދެ ދުވަހުގެ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެންނެވި ވޮން ދަ ލަޔަން ވިދާޅުވީ އިންޑިޔާއާއެކު އޮންނަ ގުޅުމަކީ ވިލާތަށް މުޙިއްމު ގުޅުމަކަށްވި ނަމަވެސް ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ މަޞްރަޙުގެ އަސަރު އެ ގުޅުމަށް ކުރަމުންދާކަމަށެވެ. މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވޮން ދަ ލަޔަންވަނީ އިންޑިޔާއާއި ވިލާތުން ގެންގުޅޭ އެއްގޮތް ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ސަލާމަތާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ވިޔަފާރީގެ ދާއިރާއިން ގުޅުންބަދަހިކުރުން މުޙިއްމުކަމަށް ވިދާޅުވެފައެވެ.

އިންޑިޔާއާއި ވިލާތާ ދެމެދު އެކުލަވާލަން އެއްބަސްވެފައިވާ ވިޔަފާރިއާއި ޓެކްނޮލޮޖީއާބެހޭ ކައުންސިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވޮން ދަ ލަޔަން ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ސިޔާސީގޮތުން ވިސްނުން ތަފާތުވި ނަމަވެސް އިޤްތިޞާދާއި ވިޔަފާރީގެ ރޮނގުން ކުރިޔަށްދިޔުމަށް ކުރިމަތިވެދާނެ ހުރަސްތައް ނައްތާލެވޭނެކަމަށެވެ. އަދި އެއީ އިންޑިޔާއާއި ވިލާތުންވެސް ބޭނުންވާ ގޮތްކަމަށް އޭނާވަނީ ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން އިންޑިޔާއާއި ވިލާތާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމާއި ވިލާތުގައި އުފައްދާ އަސްކަރީ ސާމާނު އިންޑިޔާއަށް ވިއްކުމާ ގުޅޭގޮތުންވެސް މޯދީއާއި ވޮން ދަ ލަޔަންވަނީ މަޝްވަރާކުރައްވައިފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދޭން ފެށުމުން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިންޑިޔާއިން ތަންފީޒުކޮށްފައެއް ނުވެއެވެ. އޭގެ އިތުރުން ވިލާތުގެ ގިނަ ޤައުމުތަކާ އެއްގޮތަށް އިންޑިޔާއަށް ބޭނުންވާ ތެޔޮ ގަންނަމުންދަނީ ރަޝިޔާއިންނެވެ. އިންޑިޔާއާއި ރަޝިޔާއާ ދެމެދު އޮންނަ ގާތްގުޅުމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ހުޅަނގުގެ ބާރުތަކުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އިޤްތިޞާދީގޮތުންނާއި އަސްކަރީގޮތުން ގުޅުންބަދަހިކުރުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ދާދިފަހުން އިންޑިޔާއަށް ވަޑައިގެންފައެވެ. އިންޑިޔާއިން ބުނެފައިވަނީ ހުޅަނގާއެކު ރަޙުމަތްތެރި ގުޅުމެއް ބާއްވަން ބޭނުންވި ނަމަވެސް ޤައުމީ ސަލާމަތަށްޓަކައި ރަޝިޔާގެ އެހީތެރިކަން ބޭނުންވާކަމަށާއި އެއީ ދޫކޮށްލެވެން ނެތްކަމެއްކަމަށެވެ.