ސިޔާސީ

ރައީސް ޞާލިޙު، ފަރަންސޭސިވިލާތުގެ ރައީސް މެޚްރޮންއަށް މަރުހަބާ ވިދާޅުވެއްޖެ


ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޚަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ބޮޑު ތަފާތަކުން ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވިކަމަށްޓަކާ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ފަރަންސޭސިވިލާތާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިގުޅުން، ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.


ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މެޚްރޮންއަށް ލިބިވަޑައިގެންފައިވަނީ %58.2 ވޯޓެވެ. އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާކަމަށްވާ ކަނާތު ފިޔައިގެ ސިޔާސީވެރިޔާ މަރީން ލުޕޭންނަށް ލިބިވަޑައިގެންފައިވަނީ %41.8 ވޯޓެވެ.

މިއާއެކު ޢުމުރުފުޅުން 44 އަހަރުގެ މެޚްރޮން ވެވަޑައިގެންފައިވަނީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ޤައުމުގައި ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާއަށެވެ.

2017 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް ވާދަކުރެއްވީ މެޚްރޮންއާއި ލުޕެންނެވެ. އެ ފަހަރު މެޚްރޮން އިންތިޚާބު ކާމިޔާބުކުރެއްވީ %66 ވޯޓުންނެވެ.