 
										
			މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ 95 ގަޑިއިރުގެ ދުވުން އަންނަމަހުގެ 13ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ. 
މި ދުވުން ފެށުމަށް  ހަމަޖެހިފައިވަނީ މެއި މަހުގެ 13ވަނަ ދުވަހުގެ ރޭ 9:30ގައި މަޖީދިއްޔާ ސްކޫލުންނެވެ. އަދި 95 ގަޑިއިރު ހަމަކޮށް ދުވުން ނިންމާލަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 17ވަނަ ދުވަހުގެރޭ ޓްރެކް ދަނޑަށެވެ. މި ދުވުމާ ގުޅޭ ޕޯސްޓަރުތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ދުވުމުގައި ބައިވެރިވާނެގޮތްވެސް ޕޯސްޓަރުތަކުގައި ހުންނާނެކަމަށް ދުވުން އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. އަދި މަޖީދިއްޔާ ސްކޫލަށް ގޮސްގެންވެސް ދުވުމުގައި ބައިވެރިވެވޭނެއެވެ. އަދި ދުވުމަށް ޚާއްސަ ޓީޝާޓެއްވެސް ތައްޔާރުކުމަށްވަނީ ހަމަޖެހިފައެވެ. ޓީޝާޓް ނުލިބޭ މީހުންވެސް ރަތްކުލައިގެ ޓީޝާޓެއް ލައިގެން ދުވުމަށް މަޖީދިއްޔާގެ އިސްދަރިވަރުން އިލްތިމާސްކުރެއެވެ. 
މި ދުވުމުގެ ޑައިރެކްޓަރ އަދި މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރު މުޙައްމަދު ހާނިމް ވިދާޅުވީ 95 ގަޑިއިރުގެ ދުވުން ކުރިއަށްދާނީ  ގިނަ ބައިވެރިންނާއެކު މާލޭގެ 14 ސަރަޙައްދަކަށް މަޑުކުރުމަށްފަހު ދުވުމުގައި ބޭނުންކުރާ ދަންމަރު ބަދަލުކުރަމުންކަމަށެވެ. ހާނިމް ވިދާޅުވީ މި ދުވުމުގައި އިސްކޮށް ހަރަކާތްތެރިވާނެ 95 ފަރާތެއް ކަނޑައެޅުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ. މީގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރުންނާއި ދުވުމަށް ލޯބި ކުރާ ފަރާތްތައް ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން މާލޭގެ 14 ސަރަހައްދަށް މަޑުކުރުމަށްފަހު ޓްރެކް ދަނޑަށް ވަންނަން ދާއިރު މަދުވެގެން 100 މީހުން ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.  
 
"މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންގެ ތެރެއިން ގްރޭޑް 1 އިން 9 ގެ ދަރިވަރުންނަށް އެކި ގަޑިތައް ކަނޑައެޅިގެން އެކި ވަގުތުތަކުގައި ދުވާގޮތަށް ވަނީ  ހަމަޖައްސާފަ. 95ގަޑިއިރުގެ ދުވުމަށް ދަތިތަކެއް ނެތް." ޙާނިމް ވިދާޅުވިއެވެ. 
 
ޓްރެކް ތެރޭގައި ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވަމުން ހާނިމް ވިދާޅުވީ ދުވުމުގެ ތެރެއިން އަނިޔާއެއް ލިބެއްޖެނަމަ ފަރުވާދިނުމަށްޓަކައި ފަސްޓްއެއިޑްގެ ޚިދުމަތާއި ފެން ފޯރުކޯށްދޭނެ އިންތިޒާމްތައް ހަމަޖައްސާފައި ހުންނާނެކަމަށެވެ.
ދުވުން ކުރިއަށްދާ ވަގުތުތަކުގައި ޓްރެކް ދަނޑުގައި މަޖީދިއްޔާ ސްކޫލްގެ ތާރީޚް ފެންނާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.  އަދި މަޖީދިއްޔާ ސްކޫލް ސިފަވާގޮތަށް ޓްރެކްގައި ތައްޔާރުކޮށްފައިވާ  ބެކްޑްރޮޕްގައި  ފޮޓޯ ނެގޭނެ އިންތިޒާމްތައްވެސް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. 
މި ދުވުން ނިމުމަށް ބާއްވާ ޚާއްސަ ހަފްލާގައި  މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރުންނާއި ދަޢުލަތުގެ އެކި މަޤާމުތަކުގެ ވެރިންނާއި ސްކޫލަށް މެދުކެނޑުމެއްނެތި  އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 
މަޖީދިއްޔާ ސްކޫލްއަށް 95 އަހަރު ފުރުނީ މި އެޕްރީލްމަހުގެ 19ވަނަ ދުވަހުގައެވެ.