ސިޔާސީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން މައްސަލައިގެ %90 ތަޙްޤީޤް ނިމިއްޖެ


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން - އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީޤްގައި މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ ތެރެއިން ތަޙްޤީގަށް ބޭނުންވާ ފަރާތްތަކާ ސުވާލުކުރެއްވުންކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވެއްޖެއެވެ.އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ވަކި ތަޙްޤީގެއް އޭސީސީން ކުރައްވަމުން އަންނައިރު، ފުލުހުން ވެސް ވަނީ އެތަނުގެ ޚިޔާނާތާ ގުޅޭ ތަޙްޤީޤުތަކެއް ނިންމަވައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައެވެ. އެ މައްސަލަތަކުގައި ދަޢުވާކުރުމާމެދު ގޮތެއް ނިންމަވާނީ އޭސީސީގެ ތަޙްޤީޤު ނިމުމުންކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ. އޭސީސީގެ ރައީސް ހަސަން ލުޠުފީ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ތަޙްޤީޤުގެ 90 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ތަޙްޤީގުު ނިންމަވައި ރިޕޯޓް ޢާއްމުކުރައްވާނެކަމަށް ލުޠުފީ ވިދާޅުވިއެވެ. ނަމަވެސް މި ރިޕޯޓް ޢާންމު ކުރައްވާނެ ތާރީޚެއް ވިދާޅެއްނުވެއެވެ.އެމްއެމްޕީއާރުސީގެ ކޮރަަޕްޝަންގައި ދަޢުލަތަށް ގެއްލުންވެފައި ވަނީ ކިހާ ފައިސާއެއްކަން އޭސީސީން މިހާރުވަނީ ހޯއްދަވާފައެވެ.އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަޙްޤީގަށް ފުލުހުންގެ ބަންދުގައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއިވެސް ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުވެސްވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.