ކުޅިވަރު

ފިރިހެން ފުޓްބޯޅައިގައި ރާއްޖެއާ އިންޑިއާ އެއް ގްރޫޕެއްގައި




12ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން
ފުޓްބޯޅައިގައި ރާއްޖެއާ އިންޑިއާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ. 23
އަހަރުން ދަށުގެ ޓީމް ވާދަކުރާ މިމުބާރާތުގެ ގްރޫޕް އޭގައި ރާއްޖެއާ އިންޑިއާގެ
އިތުރުން ދެން ހިމެނެނީ ސްރީ ލަންކާއެވެ. ގްރޫޕް އޭގައި ތިން ޓީމް ހިމެނޭއިރު ދެޓީމަށް
ސެމީ ފައިނަލުން ޖާގަ ލިބޭނެއެވެ.

ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް، ނޭޕާލް،
އަފްޤާނިސްތާސް އަދި ބޫޓާންއެވެ. މިފަހަރުގެ މުބާރާތުގައިވެސް ޕާކިސްތާން ބައިވެރިއެއް
ނުވެއެވެ. ޕާކިސްތާން ވަނީ އެންމެ ފަހުގެ ސާފް ސުޒުކީ ކަޕްގައިވެސް ފަހު ވަގުތު
ބައިވެރިނުވަން ނިންމާފައެވެ.

އަންނަ މަހު ފަށާ ސާފް ގޭމްސްގައި ރާއްޖޭގެ އަންހެން
ފުޓްބޯޅަ ޓީމް ލައްވާލީ ނޭޕާލާ ލަންކާއާ އެއް ގްރޫޕެއްގައެވެ. އަނެއް ގްރޫޕްގައި
ހިމެނެނީ އިންޑިއާ، އަފްޤާނިސްތާން އަދި ބަންގްލަދޭޝްއެވެ. ސާފް ގޭމްސްގެ ފިރިހެން
ފުޓްބޯޅަ މެޗްތައް ކުޅޭނީ އިންޑިއާގެ ގުވަހަޓީގައެވެ. އަދި އަންހެން ފުޓްބޯޅަ މެޗްތައް ކުޅޭނީ އިންޑިޔާއެ ޝީލޯން ގައެވެ.