ކުޅިވަރު

ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހާއި ޝޫޓާސްއަށް


މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މާލެ ސިޓީ ކައުންސިލް ޕާކްވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޕޮލިސް ކްލަބުން ހޯދިއިރު، ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޑީވީވީއޭ ޝޫޓާސްއިން ހޯދައިފިއެވެ.

މާލޭ ދޮންގަނޑު ބީޗްވޮލީ ކޯޓުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ޕޮލިސް ކްލަބުން ކާމިޔާބުކުރީ މޯލްޑިވްސް ވޮލީބޯލް ވެޓެރެންސް(އެމްވީވީ)ގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު އެޓީމުން ގެންދިޔައީ ފަސޭހަކަމާއެކު 21-14 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި އެމްވީވީ އިން ވަނީ ކުޅުން ރަނގަޅުކޮށް 21-16 ސެޓު ގެންގޮސްފައެވެ. ފަހު ސެޓުގައި ޕޮލިސް ކްލަބުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފައިދާ ނަގާ އެ ޓީމުން ވަނީ 15-12 އިން ސެޓު ކާމިޔާބުކޮށްފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފައިނަލް ޑީވީވީއޭ ޝޫޓާސްއިން ކާމިޔާބުކުރީ ފަސޭހަކަމާއެކު ޑީވީވީއޭ ސްކައި ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. \

މި މެޗުގައި ޝޫޓާސްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި މެޗުގެ ސެޓުތައް ޝޫޓާސްއިން ގެންދިޔައީ 21-14 އަދި 21-16 އިންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އެމްވީވީގެ އައިޝަތު މާޖިދާ، އެމްވީވީގެ ފާތިމަތު މާޒިޔާ، ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އަދި ޕޮލިސް ކްލަބްގެ އައިޝަތު ވިސާމާއެވެ.

އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޝޫޓާސްގެ ކުޑަކާއްޓޭ، ސޫޓާސްގެ ސޯދިގް މޫސާ، ސްކައިގެ ހުސެއިން ޝާހިދު (ޝާޑު) އަދި ސްކައިގެ ޝިރުހާން އަބްދުލް ސައްތާރުއެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަކާއްޓޭއެވެ.

މާލޭ ސިޓީ ކައުންސިލުން އިންތިޒާމުކުރި މި މުބާރާތަކީ ރާއްޖޭގައި ބޭއްވުނު ޕާކް ވޮލީގެ އެންމެ އަގުބޮޑު މުބާރާތެވެ. އަދި މި މުބާރާތް ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.