ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް އަދި ކަސްޓަމްސް ސާވިސް ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗު ހަޔާ އެޑިއުކޭޝަން އާއި ބައްދަލުކޮށް ދިވެހި ސިފައިންގެ ކްލަބުން ކާމިޔާބުކުރީ 7 ވިކެޓުންނެވެ. ހަޔާ އެޑިއުކޭޝަނުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 94 ލަނޑު ވަނީ ހަދައިފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި އަދީމްއެވެ. ޖަވާބުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅެންއަރާ 7 ވަނަ އޯވަރުގައި 96 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި މުބީން އާއި 36 ލަނޑު ހެދި ސިހާދުއެވެ.
އާދީއްތަ ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގައި ކުޅިވަރާ ބެހޭ ވުޒާރާގެ މައްޗަށް ކަސްޓަމްސް އިން ކުރިހޯދީ 6 ވިކެޓުންނެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 146 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި ސައިފުލް އާއި 31 ލަނޑުހެދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްއެވެ. ޖަވާބުގައި ކަސްޓަމްސްއިން ކުޅެންއަރާ 8 ވަނަ އޯވަރުގައި 149 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި މުޙައްމަދު އާމިރު އާއި 29 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ.
އާދީއްތަ ދުވަހު ވަނީ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ މެޗެއްވެސް ކުޅެފައެވެ. އެ މެޗު އެމްޓީސީސީ ބީ ޓީމާއި ބައްދަލުކޮށް ޓީސީއެމް ކާމިޔާބުކުރީ 60 ލަނޑުންނެވެ.