އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝް ރަޝިޔާއަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވުލަޑުމީރް ޕުޓިންނާ ބައްދަލުކުރެއްވުމަށް ނިންމުމުން ޔޫކްރެއިނުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ޝަކުވާކުރައްވައިފިއެވެ.
އދގެ މައި އިދާރާއިން ބުނެފައިވާ ގޮތުގައި އޭޕުރީލް މަހުގެ 26ވަނަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ގުތެޚޭޝް ވަޑައިގަންނަވައި ޕުޓިންނާ ބައްދަލުކުރައްވައި ސަރަޙައްދީ ޞުލްޙަ ޤާއިމުކޮށް ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓާލުމަށް އެދިވަޑައިގަންނަވާނެއެވެ. އޭގެ ދެ ދުވަސްފަހުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ގުތެޚޭޝް ވަޑައިގަންނަވައި ޒެލެންސްކީއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން ޕުޓިންނާ ބައްދަލުކުރައްވާތީ ހިތްހަމަނުޖެހުންފާޅުކުރަމުން ޒެލެންސްކީ ވިދާޅުވެފައިވަނީ އެއީ އެއްވެސް ގޮތަކަށް ހަމަޖެހޭ އަދި ބަލައިގަނެވޭނެ ނިންމުމެއް ނޫންކަމަށެވެ. އެ ގޮތުން ހަނގުރާމަކުރަނީ ޔޫކްރެއިނުގައިކަމަށާއި އެއްވެސް ގެއްލުމެއް އަދި މަގުތައްމަތީގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކެއް ރަޝިޔާއިން ނުފެންނާނެކަމަށް ޒެލެންސްކީ ވިދާޅުވެފައިވެއެވެ. އަދި ގުތެޚޭޝްގެ ނިންމެވުމަކީ ވަރަށް ބޭއިންސާފު ނިންމެވުމެއްކަމަށް އޭނާވަނީ ސިފަކުރައްވައިފައެވެ.
ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ޕުޓިންނާއެކު މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ޒެލެންސްކީވަނީ އަނެއްކާވެސް ވިދާޅުވެފައެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ އެފަދަ ބައްދަލުވުމެއް ބޭއްވޭނީ ޞުލްހައިގެ އެއްބަސްވުމަކާ ހަމައަށް އާދެވުމުންކަމަށެވެ.