ހުޅަނގާއެކު ރަޙުމަތްތެރި ގުޅުމެއް ބާއްވަން ބޭނުންވި ނަމަވެސް ޤައުމީ ސަލާމަތަށްޓަކައި ރަޝިޔާގެ އެހީތެރިކަން ބޭނުންވާކަމަށް އިންޑިޔާގެ މާލީ ވަޒީރު ނިރުމަލާ ސިތަރަމަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިތަރަމަން ވިދާޅުވީ އިންޑިޔާއާއި އެ ޤައުމުގެ އަވަށްޓެރިންކަމަށްވާ ޕާކިސްތާނާއި ޗައިނާއާއެކު އޮންނަނީ ޞުލްޙަވެރިގުޅުންތަކެއް ނޫންކަމަށެވެ. މީގެ ކުރިން ޕާކިސްތާނާއި ޗައިނާއާ ދެކޮޅަށް އިންޑިޔާއިން ހަނގުރާމަކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން ސިތަރަމަން ވިދާޅުވީ އެ ޤައުމަށް މުޙިއްމީ ޤައުމުގެ ސަލާމަތް އިސްކުރަންކަމަށެވެ. އަދި ޕާކިސްތާނާއި ޗައިނާއިން އިންޑިޔާއާ ދެކޮޅަށް ތެދުވެއްޖެ ޙާލަތެއްގައި އެ ޤައުމު ދިފާޢުކުރެވޭނެ ގޮތްތަކެއްވެސް އޮންނަންޖެހޭކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އެ ގޮތުން ރަޝިޔާއިން ވިއްކައި ޒަމާނީ ހަތިޔާރަށް ނޫނެކޭ ބުނެވެން އިންޑިޔާއަށް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނަށް ޙަމަލާދޭން ފެށުމުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިންޑިޔާއިން ތަންފީޒުނުކުރުމުން އެ ޤައުމާމެދު ހުޅަނގުގެ ބާރުތަކުންވަނީ ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. އަދި ރަޝިޔާއާ އޮންނަ ގުޅުންތައް ހަނިކުރުމަށް ހުޅަނގުގެ ބާރުތަކުން ފިއްތުންތައް ކުރިމަތިކުރުވި ނަމަވެސް އިންޑިޔާއިން އެ ކަމަށް އިޖާބަދީފައެއް ނުވެއެވެ. އޭގެ އިތުރުން ރަޝިޔާއިން އަގުހެޔޮކޮށް ތެޔޮ ގަންނަން ފެށުމުންވެސް އިންޑިޔާއަށްވަނީ ބޮޑެތި ފާޑުކިޔުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ރަޝިޔާއާއި ޗައިނާއާ ކުރިމަތިލުމުގައި އިންޑިޔާއަކީ ހުޅަނގުގެ ބާރުތަކަށް ކޮންމެހެންވެސް ބޭނުންވާ ބައިވެރިއެކެވެ.
ދާދިފަހުން އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީއަށް ވަޑައިގެން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައިވަނީ އިންޑިޔާއިން ރަޝިޔާއާ ގުޅުންކަނޑާލާނެކަމަށް ނުބެލެވޭކަމަށެވެ. އެހެންކަމުން މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރަޝިޔާއާ ގުޅުންކަނޑާލަން ޖޮންސަން ބާރުއަޅުއްވާފައެއްވެސް ނުވެއެވެ.