ޚަބަރު

ވޯލްޑު ބޭންކުން ލަންކާއަށް ކުއްލި އެހީތެރިކަން ފޯރުކޮށްދެނީ


ނާޒުކު އިޤްތިޞާދީ ޙާލަތަކާ ކުރިމަތިލާންޖެހިފައިވާ ސުރީ ލަންކާއަށް ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑު ބޭންކުން ނިންމައިފިއެވެ.

ވޯލްޑު ބޭންކުން ބުނެފައިވަނީ ސުރީ ލަންކާއަށް ބޭނުންވާ ޒަރުރީ ބޭސް ގަތުމަށް ކުއްލި އެހީތެރިކަމުގެ ގޮތުގައި 10 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ފައިސާ ހަމަޖައްސާފައިވަނީ ކޯވިޑް-19އަށް ދެކޮޅަށް ޤާއިމުކޮށްފައިވާ މަޝްރޫޢުއަކުންކަމަށްވެސް އެ ބޭންކުން ބުނެފައިވެއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދެވުމަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި ހުންނެވި އެ ޤައުމުގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ހަތަރު ހަފުތާއާ ހަ މަސްދުވަހުގެ ތެރޭގައި ވޯލްޑު ބޭންކުން 500 މިލިޔަން އެމެރިކާ ޑޮލަރު ލިބޭނެކަމުގެ އުއްމީދު އައުވެފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ބޭނުންކުރާނީ އެ ޤައުމުގެ ފަޤީރުންގެ ޙާލަތު ރަނގަޅުކުރުމަށެވެ. ވޯލްޑު ބޭންކުން ބުނެފައިވަނީ ފަޤީރުންގެ ޙާލަތު ރަނގަޅުކުރުމުގެ އިތުރުން ޒަރޫރީ ބޭސްގަތުމަށާއި ދަރިވަރުންނަށް ނާސްތާ ހަމަޖެއްސުމަށްވެސް އެ އިދާރާއިން އެހީތެރިވާނެކަމަށެވެ. އޭގެ އިތުރުން ސުރީ ލަންކާއަށް ބޭނުންވާ ކާބޯތަކެއްޗާއި ކައްކާގޭހާއި ގަސްކާނާ ހޯދުމަށްވެސް އެހީތެރިވާނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާއިން ބުނެފައިވަނީ ސުރީ ލަންކާއިން މާލީ އެހީއަށް އެދިފައިވާކަމަށާއި އެ ޤައުމުގެ ވަފުދާއެކު އެދެވޭ މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ. އެ ގޮތުން އެ އިދާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ކާރިޘާގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ފަޤީރުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ޔަޤީންކުރުން މުޙިއްމުކަމަށެވެ. އަދި ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރަނގަޅު މަގުޗާޓުތަކެއް އެކުލަވާލައި ޢަމަލުކުރުން މުޙިއްމުކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން އެ އިދާރާއާއި ސުރީ ލަންކާގެ ވަފުދުންވަނީ ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ 12 ބިލިޔަން އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތްތަކަކާމެދު މަޝްވަރާކޮށްފައެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސުރީ ލަންކާއިން ދިގު މުއްދަތަކަށް ބަހާލައިގެން ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ 51 ބިލިޔަން އެމެރިކާ ޑޮލަރު އެބައޮތެވެ. އޭގެ ތެރެއިން އަންނަ ޖުލައި މަހުގެ ތެރޭގައި އެއް ބިލިޔަން އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. ސުރީ ލަންކާއިންވަނީ ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް ޗައިނާއާއި ޖަޕާނާއި އޭޝިޔަން ޑެވެލޮޕުމެންޓު ބޭންކު، އޭޑީބީގެ އެހީތެރިކަމަށް އެދިފައެވެ.