ޚަބަރު

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް އިތުރު 2 ފަރާތަކާއެކު ސޮއިކޮށްފި


ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މީހުން ބިނާކުރުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއެކު 2 ކުންފުންޏަކުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ސޮއިކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއެވެ.

މި އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ގުރައިޝާ އިސްމާއީލް އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދުއެވެ.

ސޮއިކުރެވުނު މިއެއްބަސްވުމަކީ ކޯވިޑް-19 އިމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމާ ގުޅޭ އެއްބަސްވުމެކެވެ. މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކޯވިޑާއި ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުންކަމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ވަޒީފާގެ ބާޒާރަށް ނިކުތުމުގައި ވަޒީފާއާއި ގުޅުންހުރި ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ފަހިކޮށްދިނުމަކީވެސް މިޕްރޮގްރާމް ހިންގުމުގެ މަޤްސަދެއް ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.

މިޕްރޮގްރާމްގެ ދަށުން އެމްއޭސީއެލްއިން އިލެކްޓްރިކަލް، ވެލްޑިންގ، ރެފްރިޖަރޭޝަން، އަދި އެއަރ ކޮންޑިޝަނިންގ ފަދަ ދާއިރާތަކުން އެސިސްޓަންޓް ޓެކްނީޝަނުން ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. ފެނަކައިން ތަމްރީނުތައް ހިންގުމަށް ހަމަޖެހިފައިވަނީ ވޯޓަރ ޕްލާންޓް އެންޑް ސްވަރޭޖް އޮޕަރޭޝަންގެ އިތުރުން އިލެކްޓްރިކަލް އިންސްޓޮލޭޝަން އަދި މެއިންޓަނެންސްގެ ދާއިރާއިންނެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމަށް މިމަހުގެ 21ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީންވަނީ އިތުރު 3 ފަރާތަކާއެކު އެމްއޯޔޫގައި ސޮއިކޮށްފައެވެ. އެއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.