ވިޔަފާރި

މެދުކަނޑާލާފައިއޮތް އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ


މެދުކަނޑާލާފައި އޮތް ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ. އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށަނީ އަންނަ މަހުގެ 14ވަނަ ދުވަހު ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެއިރޯފްލޮޓްއިން ރަޝިއާއާ ރާއްޖެއާ ދެމެދު ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ ރަޝިއާއާ ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. އަންނަ މަހު މި ދަތުރުތައް އަލުން ފަށާއިރު ހަފްތާގެ ކޮންމެ ދުވަހަކު ރަޝިއާއާ ރާއްޖެއާދެމެދު ދަތުރުތައް ބާއްވާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ކޯވިޑް-19އަށްފަހު އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރ 11ވަނަ ދުވަހުއެވެ. ދަތުރުތައް ފެށިއިރު އެންމެ ފުރަތަމަ ބާއްވާފައިވަނީ ހަފްތާއަކު 2 ދަތުރެވެ. ނަމަވެސް ފަހުން ޑިމާންޑް އިތުރުވުމާއެކު ހަފްތާއަކު 4 ދަތުރަށް ވަނީ އިތުރުކޮށްފައެވެ.

އެއިރޯފްލޮޓްގެ ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ރަޝިއާއިން ރާއްޖެއަށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އައިސް ރަޝިއާ ހިމެނެނީ ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ. ނަމަވެސް ހަނގުރާމައާއެކު ދަތުރުތައް މެދުކަނޑާލުމާގުޅިގެން މިހާރު ރަޝިއާ ވަނީ 3ވަނައަށް ވެއްޓިފައެވެ.

މިއަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 54624 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 222422 ފަތުރުވެރިންނެވެ. އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމާއިއެކު ރަޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަނެއްކާވެސް އިތުރުވާނެކަމަށް ބެލެވެއެވެ.