މިއަދުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ކުނި އުކާލަން ވާނީ ތިރީ ފަންގިފިލާގައި ކުނި އުކާލުމަށް ޙާއްސަކުރެވިފައިވާ ވެމްކޯގެ ވޭސްޓް ޔުނިޓަށް ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ވިދާޅުވެއްޖެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުން މިކަމަށް ކަނޑައަޅާފައިވާ ޓަވަރު ތެރޭގައި ހިޔާ ޓަވަރު 13، 14، 15 އަދި 16 ހިމެނެއެވެ. މި ޓަވަރުތަކުގައި ދިރިއުޅޭ އާންމުންގެ ފަރާތްތަކުން ތިރީ ފަންގިފިލާގައި ކުނި އުކާލުމަށް ޚާއްސަކުރެވިފައިވާ ވެމްކޯގެ ޔުނިޓަށް ކުނި އުކާލުމަށް ވެމްކޯއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އުކާލާ ކުނި ހުންނަން ވާނީ ބަދިގޭ ކުނި، ޕްލާސްޓިކްސް އަދި އެހެނިހެން ކުނި ވަކިން ބަންދުކުރެވިފައި ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. އަދި ކޮންމެ ދުވަހެއްގެ ރޭގަނޑު 21:00އިން ފެށިގެން 00:00 އަށް ކުނި އުކާލުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
ވެމްކޯގެ ވޭސްޓް ޔުނިޓްގެ މަސައްކަތް ޤާއިމްވުމާއެކު ހިޔާ ފްލެޓްގެ ހުރިހާ އިމާރާތްތަކުން ކުނި ނަގަމުންދާނީ މިއުސޫލުން، އިމާރާތުގެ ތިރީ ފަންގިފިލާގައި ހުންނަ ކުނި އުކާލުމަށް ހާއްސަ ވޭސްޓް ޔުނިޓުން ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
ވެމްކޯއިން މިހާތަނަށް ހިޔާ ފްލެޓްތަކުގެ ކުނި ހިލޭ އުކައިދެމުން އައިނަމަވެސް، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުނި އުކައިދިނުމުގެ ޚިދުމަތަށް ބިލްކުރުމަށް ވެމްކޯއިން ވަނީ ނިންމަަވާފައެވެ. އެގޮތުން ކުނި އުކައިދިނުމުގެ ޚިދުމަތަށް 150ރ ގެ ރޭޓުން ބިލްކުރުމަށް ވަނީ ނިންމާފައެވެ. ވެމްކޯގެ ބިލް އަދި އެކައުންޓުގެ ތަފްސީލް ރަޖިސްޓަރ ކުރެވިފައިވާ ފްލެޓްގެ ވެރިފަރާތުގެ ފޯނަށް އެސްއެމްއެސް މެދުވެރިކޮށް ފޮނުވާނެކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
ވެމްކޯއިން ވިދާޅުވިގޮތުގައި ދެވަނަ ފިޔަވަހީގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ޚާއްސަ ޚިދުމަތެކެވެ. ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެ ކޯޕަރޭޝަންގެ "ކޯލް އެންޑް ޕިކަޕް" ކެޕްސްގެ ޚިދުމަތަށް އެދުމަށް އެކުންފުނިން އިލްތިމާސްކުރައްވައެވެ.