ކުޅިވަރު

ޖަރުމަން ލީގު ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބަޔާނަށް


ޖަރުމަން ލީގު ޖެހިޖެހިގެން 10 ވަނަ ފަހަރަށް ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.

މި ފަހަރުގެ ލީގު ބަޔާނުން ކާމިޔާބުކުރީ އެ ޓީމާއި އެންމެ ގާތުން ވާދަކުރަމުންދާ ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ރޭގެ ކާމިޔާބީއާއެކު ބަޔާނަށް މިހާރު ވަނީ ބާކީ ތިން މެޗް އޮއްވައި ޑޯޓްމުންޑްގެ މައްޗަށް 12 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް އެ ޓީމުންނެވެ. މިމެޗާއި ބަޔާން ކުރިމަތިލީ ވަރަށް ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ވިޔަރެއާލް އަތުން ބަލިވި ބަލިވުމުގެ ހިތްދަތިކަމާއެކުއެވެ.

ރޭގެ މެޗްގައި ބަޔާންގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހާދިނީ ސާޖް ގިނެބްރީއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާދިނި ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ އޭނާ މިފަހަރުގެ ލީގުގައި ކާމިޔާބުކުރީ 33 ވަނަ ލަނޑެވެ. މިމެޗްގައި ޑޯޓްމުންޑުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމްރޭ ޗާންއެވެ. ދެން މެޗްގައި ބަޔާނުން ކާމިޔާބުކުރި ފަހު ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ ޖަމާލް މުސިއެލާއެވެ.

މި ކާމީޔާބީއާއެކު ބަޔާން މި ވަނީ ޖަރުމަން ލީގުގެ ތަށި ޖުމްލަ 32 ވަނަ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބަޔާންގެ ފޯވަޑް ތޯމަސް މުލާ ވެފައިވަނީ ޖަރުމަން ލީގުގެ ތަށި އެގާރަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން މުލާ ބުނީ ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަހު ޓީމްގެ ތެރޭގައި ވަރށް ގިނަ ހިތްހަމަނުޖެހުންތައް ހުރި ކަމަށާއި، މިއީ އެކަންކަމުން އަރައިގަތުމަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި މެޗުން މޮޅުވާން ހުރިހާ ކުޅުންތެރިންވެސް ވަރަށް ބޭނުންވި ކަމަށާއި، މިއީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށްވެސް މުލާ ވަނީ ބުނެފައެވެ.