ޚަބަރު

އިންޑިއާ އައުޓް ޙަރަކާތުން ހޯދޭނެ ސިޔާސީ ކާމިޔާބެއް ނޯންނާނެ: މީކާއިލް


އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ހިންގަމުންދާ "އިންޑިއާ އައުޓް" ޙަރަކާތުން ހޯދޭނެ ސިޔާސީ އެއްވެސް ފައިދާއެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އިންޑިއާއާ ދެކޮޅަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އަންގަވާފައެވެ.

އިދިކޮޅު ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ގުޅޭގޮތުން މީކާއިލް ވިދާޅުވީ މިހަރަކާތަކީ ދޭދޭ ޤައުމުތަކާ އޮންނަ ގުޅުން ކަނޑާލައި، ނިމިދިޔަ ވެރިކަމުގައި ދުނިޔެއާއި އެކަހެރި ވެގެން ވެރިކަން ކުރެއްވިގޮތަށް ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ހިންގާ ހަރަކާތެއް ކަމަށެވެ. މިހަރަކާތުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ނުހަނު ބޮޑަށް ނުރައްކާވާކަމަށް ތުހުމަތުލުރައްވައި މިކަން ހުއްޓުވުމަކީ ދިވެހި ރައްޔިތުންނާއި ޤައުުމުގެ ހައްގުގައިވެސް ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

"ޕީޕީއެމުން ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ގްރާސްރޫޓް ހަރަކާތެއްނޫން. އެއީ ސީދާ އެންމެ ފަރުދެއް އިސްނަންގަވައިގެން އެމަނިކުފާނު އަބުރާ ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ ނިޔަތުގައި ދިވެހި ރާއްޖެ ހަލަބޮލި ކުރަން، އަދި ދިވެހި ރާއްޖެއާއި ދޭދޭ ޤައުމުތަކާއި އޮންނަ ގުޅުން އެއްކޮށްހެން، ކަނޑުއްވާލެއްވުމަށް އެމަނިކުފާނުގެ މަސަކަތުގެ ތެރެއިން އަންނަ ބޮޅެއް، އިންޑިއާ އައުޓް ހަރަކާތަކީ. އެހެންވީމާ މިހަރަކާތަށް ސިޔާސީ ގޮތުން ލިބޭނެ ކުރިއެރުމެއް ނޯންނާނެ." މީކާއިލް ވިދާޅުވިއެވެ.

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މިނިވަންކަމަށް ބުރޫއަރާފަދަ ކަންތައްތަކެއް ހުރިކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، މިއެއްބަސްވުންތައް މަޖިލީހުގެ 241 ކޮމެޓީގައި ހާމަކޮށް ތަފްސީލު ކުރުމުން، އެއްބަސްވުން ތަކުގައި ގޯސްތަކެއް ނެތްކަން ހާމަވެފައިވާކަމަށް މީކާއިލް ވިދާޅުވިއެވެ. އެއްވެސް އެއްބަސްވުމެއްގައި ގޯސްތަކެއް ހުރިނަމަ އިދިކޮޅު މެމްބަރުން އެގްރީމަންޓުގައި ހުރި އެފަދަ މާއްދާތައް ވަކިވަކިވެސް ދިވެހި ރަޔިތުންނަށް ކިޔައިދީސްކަމަށް އޭނާ ވިދާޅުވިއެވެެ.

އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތް ހުއްޓުވަން ސަރުކާރަށް މެޖުބޫރުވީ، މިހަރަކާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުންތަކަށް ބަލާފައިކަމަށް މީކާއިލް ވިދާޅުވިއެވެ. ދިވެހިންގެ އެތައްބަޔަކު ކޮންމެ ދުވަހަކުވެސް ބޭސްފަރުވާ ހޯދުމަށާއި، ތައުލީމު ހާސިލް ކުރުމަށާއި، ޒަރޫރީ އެކި ބޭނުންތަކަށް އިންޑިއާއަށް ދާއިރު މިހަރަކާތުގެ ސަބަބުން މިކަންކަމަށް ހުރަސް އެޅުމުގެ ޖާގަ ނުދިނުމަކީ އެންމެބޮޑު އެއްބޭނުމެވެ. އަދި މިހަރަކާތުގެ ސަބަބުން ރާއްޖޭގައި ނަފްރަތުގެ ހުޅުގަނޑު ފަޅައިގެންގޮސް ރައީސް ނަޝީދަށް ދިންފަދަ ނުރައްކާތެރި ހަމަލާތަކެއް ދިނުމުގެ ޖާގަ ނުދިނުމަކީވެސް މިހަރަކާތް ހުއްޓުވުމުގެ މަޤްސަދު ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަކަށް ނޭގޭނެ އެހެން ޤައުމުތަކުގައި ހިނގާފަދަ ހޭޓް ކުރައިމްސްތައް، ވަކި ނަސްލެއްގެ ވަކި މީހަކަށްވީތީ، ވަކި ޤައުމެއްގެ މީހަކަސްވީތީ ވަޅި ނުޖަހާނެކަމެއް، ބޮން ގޮއްވާ ނުލާނެކަމެއް. އެފިކުރު މީހުންގެ ތެރޭގައި އުފެއްދުން މިހަރަކާތުގެ ބޭނުމަކީ. އެނަފްރަތު އުފެއްދުން. އެނަފްރަތު އުފެދި އެހިސާބަށް ދިއުމުގެ ކުރިން ދައުލަތެއްގެ ސިފައި އެޒިންމާ ނަގައިގެން އެކަން ހުއްޓުވަންޖެހޭނެ." މީކާއިލް ވިދާޅުވިއެވެ.

ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގައިވެސް ޤައުމުތަކުގެ މެދުގައި ނަފްރަތު އުފެއްދުމަށް ހިންގޭ އެއްވެސް ހަރަކާތަކަށް ޖާގަ ލިބޭނެ ގޮތަކަށް ނޯންނާނެކަމަށް މީކާއިލް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިކަން ހުއްޓުވުމަށް ނިންމެވިނިންމުމަކީ މުޅި ދުނިޔެވެސް މަރުހަބާ ކިޔާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.