ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް އާސެނަލް ހަތަރުވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގު ތާވަލުގެ ހަތަރުވަނައަށް އާސެނަލް ކުރިއަށް ޖެހިލައިފިއެވެ.

އާސެނަލްގެ ދަނޑުގައި އިއްޔެ ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި އާސެނަލުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، މެޗުގައި ހަމަލާ އުފެއްދިފައިވަނީ ދެ ޓީމަށްވެސް ހަމަހަމަކޮށެވެ. އެންމެ ފަހުން ކުޅުނު މެޗްގައި ޗެލްސީ ބަލިކުރެވިފފައިވުމުން ޓީމަށް ލިބިފައިވާ ހިތްވަރާއެކު އާސެނަލް މިމެޗަށް ނުކުތްއިރު، ޔުނައިޓެޑް ނުކުތީ އެންމެ ފަހުން ލިވަޕޫލާ ކުޅެ ތަފާތު ބޮޑުކޮށް ބަލިވި ބަލިވުމުގެ ހަނދާންތަކާއެކުއެވެ.

އެއާއެކު މެޗްގެ ތިންވަނަ މިނެޓްގައި ޔުނައިޓެޑްގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އާސެނަލްއިން ލީޑު ނެގުމާއެކު، ލިވަޕޫލް މެޗްގެ ހަނދާންތަށް ޔުނައިޓެޑަށް އާވެގެންދިޔައެވެ. މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދިނީ ނޫނޯ ޓަވަރޭޒްއެވެ.

އަދި މެޗްގެ 32 ވަނަ މިނެޓްގައި އާސެނަލްގެ އެޑީ ކޭޓިއާ ކާމިޔާބުކުރި ލަނޑު އޮފްސައިޑް ކަމަށް ދެއްކި ނަމަވެސް، އެ ބޯޅަ ކޭޓިއާއަށް ދިން ބުކާޔޯ ސާކާއަށް ޔުނައިޓެޑްގެ އެލެކްސް ޓެލެސް ފައުލް ކުރިކަމަށް ވީއޭއާރުން ރެފްރީގެ ސަމާލުކަމަށް ގެނައުމާއެކު ވަނީ އާސެނަލްއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އާސެނަލްގެ ލީޑު ފުޅާކޮށްދިނީ ސާކާއެވެ.

އާސެނަލްއިން މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޔުނައިޓެޑުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗްގެ 57 ވަނަ މިނެޓްގައި މެޗްގެ ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެގޮތުން ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، މި މެޗްގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ބުރޫނޯ ފެނާންޑޭޒް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޭގެ ފަހުންވެސް ޔުނައިޓެޑުން މި މެޗުގައި ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭގޮތެއް ނުވިއެވެ. މި މެޗްގައި އާސެނަލްއިން އަލުން ލީޑު ފުޅާކޮށްފައިވަނީ މެޗްގެ 70 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްރަނީޓް ޝަކާއެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިހާރު ވަނީ ކުޅުނު 33 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރަމުންދާ ޔުނައިޓެޑް މި ނާކާމިޔާބީއާއެކު އުޅެނީ 34 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ހަވަނައިގައެވެ.