މުނިފޫހިފިލުވުން

ރަންބީރުގެ "އެނިމަލް" ފަށައިފި


2017 ވަނަ އަހަރު ދެއްކި ތެލުގޫ ރޮމޭންޓިކް ޑްރާމާ "އަރުޖުން ރެޑީ" އަދި އެ ފިލްމުގެ ހިންދީ ރީމޭކް "ކަބީރު ސިންގް" ގެ ވެސް ޑައިރެކްޓަރ ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓުކުރާ "އެނިމަލް" ގެ މަސައްކަތް ފަށައިފިއެވެ.

ރަންބީރު ކަޕޫރު ލީޑްރޯލުން ފެންނަ މި ފިލްމު ވެގެންދާނީ ރަންބީރާއި ސަންދީޕް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. "އެނިމަލް" ގެ ވަރުގަދަ ޓައިޓަލް އާއިއެކު ފިލްމުގެ ކެރެކްޓާތައްވެސް ހަމަ އެހާ ވަރުގަދަ ވާނެކަމަށް ބެލެވެއެވެ. އަދި ފިލްމުގައި ރަންބީރު ފެންނާނީ މުޅި ތަފާތުކޮށެވެ. މިކަމަށް އޭނާ ވަނީ މޭކްއޯވާއެއްވެސް ހަދާފައެވެ.

ބޫޝާން ކުމާރު، މުރާދު ކޭތާނީ އަދި ޕްރަނަވް ރެޑީ ޕްރޮޑިއުސްކުރާ "އެނިމަލް" ގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. ރަންބީރުގެ އިތުރުން އަނިލް ކަޕޫރާއި ބޮބީ ޑިއޯލް އަދި ދެކުނު ތަރި ރަޝްމިކާ މަންދަންވެސް މި ފިލްމުން ފެންނާނެއެވެ.

ޕޭން އިންޑިއާގެ މި ފިލްމު ހިންދީ އަދި އިންޑިއާގެ ދެކުނުގެ ހުރިހާ ބަހަކުންވެސް ދައްކާނެއެވެ. ފިލްމު ރިލީޒްކުރާނީ އިންޑިއާގެ މިނިވަން ދުވަހާއި ދިމާކޮށް އަންނަ އަހަރުގެ އޯގަސްޓު 11 ގައެވެ.

ބަތަލާ އާލިއާ ބަޓް އާއި މި މަހު ކައިވެނިކޮށްފައިވާ ރަންބީރުގެ ކުރިއަށްހުރި ފިލްމުތަކަކަކީ މި އަހަރު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ބްރަމަސްތްރާ" އަދި "ޝަމްޝޭރާ" އެވެ.