މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ކުލަބު އީގަލްސް ވެޓެރަންސް ބަލިކޮށް ކުލަބު ގްރީން ސްޓްރީޓްސްއިން އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ކުޅުނު މި މެޗު ގްރީން ސްޓްރީޓްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
ހަތް ޓީމު ވާދަކުރާ ވެޓެރަންސް ލީގުގެ ހަ ވަަނައިގައި ގްރީން ސްޓްރީޓްސް އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އީގަލްސް އަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގީ 11 ވަނަ މިނިޓުގައި މުހައްމަދު އަރީފް ޖެހި ލަނޑުންނެވެ. ދެ ވަނަ ހާފުގައި ގްރީން ސްޓްރީޓްސްގެ ދެވަނަ ލަނޑު ޖެހީ އަހުމަދު ޝިޔާންއެވެ
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ.
ލީގު ބުރުގައި ބާކީ ނުކުޅެ އޮތީ ހަތަރު މެޗެވެ. ފައިނަލުގެ ދެ ޖާގައިގެ ތެެރެއިން ފުރަތަމަ ޖާގަ ޔަގީންކޮށްފައިވަނީ ހުޅުމާލެ ވެޓެރަންސް އިންނެވެ. ދެ ވަނަ ޖާގަ އަށް ވާދަކުރަނީ ދެ ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އެވެ. މާދަމާ ހަވީރު 16:30 ގައި ކުޅޭ މެޗުގައި ދަ ގްރާންޑޭ ކުޅޭނީ ސޮކަ މޭޓްސްއާ ދެކޮޅަށެވެ