ކުޅިވަރު

އިމިގްރޭޝަނާއި މުލިއާގެއަށް މޮޅެއް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް މޯލްޑިވްސް އިމިގްރޭޝަނާއި މުލިއާގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު އޮފީސް ޓޭޕްބޯލް މުބާރާތުގެ ފުރަތަމަ މެޗުގައި މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 100 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި އަބްދުލް ރަޝީދެވެ. ޖަވާބުގައި އިމިގްރޭޝަނުން ކުޅެންއަރާ 5 ވަނަ އޯވަރުގެ ތެރޭގައި ވަނީ 103 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 25 ލަނޑު ހެދި އަލީ ނަވާއުގެ އިތުރުން 22 ލަނޑުހެދި ސާއިސް މުޙައްމަދެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު އޮފީސް ޓޭޕްބޯލް މުބާރާތުގެ ދެވަނަ މެޗުގައި ރައީސް އޮފީސް ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި ވަނީ 93 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި އަޙްމަދު ފަޔާޒް އާއި 17 ލަނޑު ހެދި މުންސިދު މުޙައްމަދެވެ. މީގެ އިތުރުން އަލީ އިބްރާހީމް ވަނީ 3 ވިކެޓު ނަގާ ހެޓްރިކް ހަދައިފައެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ.

ޖަވާބުގައި މުލިއާގެ ޓީމުން ކުޅެންއަރާ 6 ވަނަ އޯވަރުގައި ވަނީ 96 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އިބްރާހީމް ހުސައިންއެވެ. މީގެ އިތުރުން އަޙްމަދު ހަސަން ދީދީ ވަނީ ވިކެޓެއް ނަގައިފައެވެ.

ހޮނިހިރު ދުވަހު ވަނީ ކޮމްޕެނީ ޓޭޕްބޯލް މެޗެއް ވެސް ކުޅެފައެވެ. އެ މެޗު އަހިންސަކާސްގެ މައްޗަށް ޕްރެންޑްސް އޮފް މޯލްޑިވްސް ކުރިހޯދީ 8 ވިކެޓުންނެވެ.

އަހިންސަކާސް ކުޅެންއަރާ 8 އޯވަރުހަމަވިއިރު 116 ލަނޑުހެދިއެވެ، އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑު ހެދި ތާރަކައެވެ. ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސްއިން ކުޅެންއަރާ 5 އޯވަރުގެ ތެރޭގައި 118 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި މުޙައްމަދު ސަމީމް އާއި 32 ލަނޑު ހެދި މަލިންދައެވެ.