ޚަބަރު

ސުލައިމާނީގެ މަރަށް ބަދަލުހިފުން އީރާނުން ދުލެއްނުކުރާނެ


އީރާނުގެ އިންޤިލާބީ ފައުޖުތަކުގެ އިސްވެރިއެއްކަމަށްވާ ޤާސިމު ސުލައިމާނީގެ މަރުގެ ބަދަލުހިފުން ދޫކޮލާނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

2020ވަނަ އަހަރު އެމެރިކާއިން ދިން ވައިގެ ޙަމަލާއެއްގައި ސުލައިމާނީ އަވާހާރަކޮށްލާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ޢިރާޤަށް ވަޑައިގެންނެވުމުންނެވެ. އޭނާއަކީ އީރާނުގެ އިންޤިލާބީ ފައުޖުތަކުގެ އެންމެ ވަރުގަދަ ގޮފިކަމަށްވާ ޤުދުސް ފައުޖުގެ އެންމެ އިސްވެރިޔާއެވެ. އަދި އޭނާއަކީ މެދުއިރުމަތީގައި ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ދެމުންދިޔަ ޙަމަލާތަކުގެ އެންމެ އިސް މޭސްތިރިޔާއެވެ. އެ ގޮތުން އިސްރާއީލާ ދެކޮޅަށް ޙަރަކާތްތެރިވާ ލުބުނާނުގެ ހިޒުބުﷲ ޖަމާޢަތާއި ފަލަސްޠީނުގެ ޙަމާސް ޖަމާޢަތަށް ސުލައިމާނީވަނީ އަސްކަރީ ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

އީރާނުން ބުނެފައިވާ ގޮތުގައި އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ބައެއް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލުގައި ސަލައިމާނީގެ މަރުގެ ބަދަލުހިފުން ދޫކޮށްލުމަށް އެކި ފަހަރުގެމަތިން ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ހުށަހެޅުމެއް ބަލައިގަތުމުގެ ވިސްނުމެއް އީރާނުން ނުގެންގުޅޭކަމަށް އެ ޤައުމުން ބުނެފައިވެއެވެ. އަދި ސުލައިމާނީގެ މަރުގެ ބަދަލުހިފުމަށް ޢަމުރުކުރައްވާފައިވަނީ އެ ޤައުމުގެ ރޫޙީ އެންމެ އިސްވެރިޔާ ޢަލީ ޚާމަނާއީކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ދުނިޔޭގެ ބާރުތަކުން އީރާނާއެކު ޤާއިމުކުރައި ނިޔުކްލިޔަރ އެއްބަސްވުމުގެ ބޭރުން އިތުރު ލުއިތަކެއް ބޭނުންނަމަ އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމަށް އިޖާބަދޭންޖެހޭނެކަމަށެވެ. އަދި ނިޔުކްލިޔަރ އެއްބަސްވުމުގެ ދަށުން އިރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ބައިނަލްއަޤްވާމީ މުޖުތަމަޢުން އުވާނުލާނެކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.

ފާއިތުވި އަހަރުގެ ތެރޭގައި އީރާނާއެކު އަލުން ނިޔުކްލިޔަރ އެއްބަސްވުމެއް ޤާއިމުކުރުމަށް އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި މަޝްވަރާކޮށްފައިވެއެވެ. އަދި ދުނިޔޭގެ ބާރުތަކުގެ ގޮތުގައި ބަލައި އދގެ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރު ޤައުމުތަކާއި ވިލާތުގެ އިއްތިޙާދާއި އީރާނާ ދެމެދު އަލުން ނިޔުކްލިޔަރ އެއްބަސްވުމެއް ޤާއިމުކުރުމަށް ވަރަށް ކައިރިވެފައިވަނިކޮށް ޔޫކްރެއިނުގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ހިޔަނި އެޅި އެ މަޝްވަރާތައްވަނީ ހުއްޓިފައެވެ. އީރާނާއެކު އަލުން ނިޔުކްލިޔަރ އެއްބަސްވުމެއް ޤާއިމުކުރުމަށް ދުނިޔޭގެ ބާރުތަކުން މަސައްކަތްފެށީ 2015ވަނަ އަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި އެއްބަސްވުމުން އެމެރިކާ ވަކިވުމުންނެއެވެ. 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިން އެ އެއްބަސްވުމުން ވަކިވުމުން އީރާނުންވަނީ އެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރަން ފަށައިފައެވެ.