ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ކައުންސިލްތަކުގެ އެއްބާރުލުންލިބޭ، މައްސަލަތައް މަދު: އެލްޖީއޭ


ލާމަރުކަޒީ ނިޒަމު ހަރުދަނާ ކުރުމަށްޓަކައި ޤާނޫނަށް ގެނައި އިސްލާހުތަކާއެކު އަލަށް އިންތިޚާބުކުރި ކައުންސިލްތަކުން ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑު އެއްބާރުލުމެއް ދެމުންދާކަމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަޠީފް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީފައިވަނީ މިސަރުކާރުން ޤާނޫނަށް ގެނައި އިސްލާހުތަކާ އެކުގައެވެ. މިއިސްލާހުތަކުގެ ތެރޭގައި ރަށްރަށުގެ އުމްރާނީ އަދި އިޖުތިމާއީ، އިޤްތިޞާދީ ކަންކަން ކުރުމުގެ ފުރުސަތު ވަނީ ކައުންސިލްތަކަށް ފަހިކޮށް ދީފައެވެ. ސަރުކާރުގެ އެކި ވުޒާރާތަކުން އަތޮޅުތަކުގެ ރަށްރަށުގައާއި، ބޮޑެތި ސިޓީ ތަކުގައި ހިންގާ މަޝްރޫޢުތަކުގައި ކައުންސިލްތަކުގެ ދައުރު ބޮޑެވެ.

ސަރުކާރުން އަތޮޅުތަކުގެ ގިނަ ރައްތަކެއްގައި އެތަކެއް މަޝްރޫޢުތަކެއް ހިންގާއިރު މިމަސައްކަތުގައި ކައުންސިލްތަކުން އަދާ ކުރަމުންދާ ދައުރާއި ކައުންސިލްތަކުން ދޭ އެއްބާރުލުމަކީ ކާމިޔާބުކަމާއެކު މަޝްރޫޢުތައް ނިންމުމަށް ލިބޭ އެންމެބޮޑު އެހީތެރިކަމެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ އެންމެބޮޑު ބޭނުމަކީވެސް ކައުންސިލްތަކާ ގުޅިގެން ރަށްރަށަށް ތަރައްޤީ ގެނައުންކަމަށެވެ.

ސަރުކާރުގެ ބައެއް ވުޒާރާތަކުން ހިންގާ މަޝްރޫއުތަކުގައި ބައެއް ކައުންސިލްތަކާއި ވުޒާރާތަކާ ދެމެދު އުފެދޭ ޚިޔާލުތަފާތުވުންތަކުގައި އެލްޖީއޭއިން މެދުވެރިއަކަށްވެ ހުށަހެޅޭ ގިނަ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭކަމަށް އަފްޝަން ވިދާޅުވިއެވެ. ރަށަށް ގެނެވޭ ތަރައްޤީއަކީ އެއީ ސަރުކާރަށް އެކަނި ލިބޭނެ ކުރިއެރުމަށް ނުވާއިރު، ރަށަށް ލިބޭ ތަރައްޤީގެ މަސައްކައްކަތްތައް ކުރިއަށް ގެންދިއުމަކީ ކައުންސިލްތަކުގެ ވިސްނުންކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.

އާޤާނޫނުގެ ދަށުން ކައުންސިލްތަކާއި ކައުންސިލަރުންނާ ގުޅޭގޮތުން ހުށަހެޅުނު އެއްވެސް މައްސަލައެއްގައި ކައުންސިލެއް ސަސްޕެންޑުކޮށް، ބޮޑު ފިޔަވަޅެއް އަޅާފައި ނުވާކަމަށް އަފްޝަން ވިދާޅުވިއެވެ. އެލްޖީއޭގެ ވިސްނުމަކީވެސް އަދި އަމާޒަކީ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމެވެ. ސަރުކާރާ އިދިކޮޅު ކައުންސިލްތަކުންވެސް ތަރައްޤީގެ ކަންކަމުގައި ދެއްވާ އެއްބާރުލުން އަފްޝަން ވަނީ ފާހަގަ ކުރައްވާފައެވެ.

މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ކައުންސިލްތަކުން އެލްޖީއޭއަށް ހުށަހަޅާ ކަންބޮޑުވުންތަކަކީ، މުވައްޒިފުންގެ ދަތިކަމާއި، ވަސީލަތް މަދުވުމުގެ ޝަކުވާއެވެ. މިކަމަށް ހައްލު ހޯދުމުގައި ކައުންސިލްތަކާއި ސަރުކާރުގެ ކަމާގުޅުންހުރި އިދަރާތަކާއެކު މަސައްކަތް ކުރައްވަމުންދާކަމަށް އަފްޝަން ވިދާޅުވިއެވެ.