ޚަބަރު

އެޓްމޮސްފިއާގެ 2 ރިސޯޓަކަށް މުވައްޒަފުން ހޯދަން ޚާއްސަ ޙަރަކާތެއް


އެޓްމޮސްފިއާ ހޮޓެލްސް އެންޑު ރިސޯޓްސްއިން ރާއްޖޭގައި ހިންގާ 2 ރިސޯޓަކަށް މުވައްޒަފުން ހޯދަން ޚާއްސަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ރާއްޖޭގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދަނީ ކަލަރސް އޮފް އޯބުލޫ ބްރޭންޑުގެ ދެ ރިސޯޓެވެ. އެއީ އޯބުލޫ ސިލެކްޓް ލޮބިގިލި އަދި އޯބުލޫ އެކްސްޕީރިއެސް އައިލަފުއްޓެވެ. މި ދެ ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މިމަހުގެ 24ވަނަ ދުވަހާއި މެއި މަހުގެ 8ވަނަ ދުވަހު މާގިރި ހޮޓެލްގައި ރެކްރޫޓުމަންޓު ޑޭއެއް ބާއްވަން ވަނީ ނިންމާފައެވެ.

މި ހަރަކާތުގައި މި ދެ ރިސޯޓުގެ މެނޭޖްމަންޓު ޓީމުތަކުން ބައިވެރިވާނެ ކަމަށާ، ރިސޯޓުގައި ހުރި ވަޒީފާގެ ފުރުސަތުތަކާގުޅޭ މައުލޫމާތުދޭނެ ކަމަށް އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ހާމަކުރެއެވެ. މި ޙަރާކާތުގެ އެންމެބޮޑު ބޭނުމަކީ ދިވެހި ޒުވާނުން މިދާއިރާއަށް ވަނުމަށް ހިތްވަރު ދިނުން ކަމަށްވެސް އެޓްމޮސްފިއާ ހޮޓެލްސް އެންޑު ރިސޯޓްސްއިން ބުނެއެވެ.

މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ އޯބުލޫ ސިލެކްޓް ލޮބިގިލި ހުޅުވާފައިވަނީ މިދިޔަމަހުގެ ފަހުކޮޅުއެވެ. ފަސް ތަރީގެ މި ހޮޓަލުގައި 68 ބީޗު، ވޯޓާ ވިލާ ހުރެއެވެ. އޯބްލޫ އެކްސްޕީރިއެންސް އައިލަފުށި އަކީވެސް މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެތެރޭގައެވެ. މި ރިސޯޓުގައި ތަފާތު 4 ކެޓަގަރީއެއްގެ 268 ވިލާ ހުންނާނެއެވެ.

އެޓްމޮސްފިއަރ ހޮޓެލް އެންޑް ރިސޯޓްސްއިން މިހާރުވެސް އަންނަނީ ރާއްޖޭގައި ގިނަ ޢަދަދަކަށް ރިސޯޓުތައް ހިންގަމުންނެވެ، އޭގެތެރޭގައި ކަނިފުށި ރިސޯޓާއި، އޮޒެން ބައި އެޓްމޮސްފިއަރ އެޓް މާދޫ ހިމެނެއެވެ.