ޚަބަރު

ފުވައްމުލަކު ސިޓީގައި ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވައިފި


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ފުވައްމުލަކު ސިޓީގައި ބޭއްވި އިޙްޔާ ފޯރަމް ރައިސުލްޖުމުހޫއްރިއްޔާގެ ނައިބް ފައިސަލް ނަސީމް ޝަރަފުވެރިކޮށް ދެއްވައިފިއެވެ.

ފުވައްމުލަކު ސިޓީ އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމުގައި ރައިސުލްޖުމުހޫއްރިއްޔާގެ ނައިބުގެ އިތުރުން އިސްލާމިކް މިނިސްޓަރ.ޑރ. އަހުމަދު އަލީ ޒާހިރު އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލަކު ސިޓީގައި ބޭއްވި ފޯރަމްގެ މައުޟޫޢުއަކީ “އެންމެ ހެޔޮއިންސާނާގެ ހަޔާތްޕުޅުގައި ޢިޖްތިމާޢީ ގުޅުން”އެވެ. މިމަޢުޟޫގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާތް ރަސޫލާގެ ހަޔާތްޕުޅުން ރީތި އަޙުލާޤު، އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެކި މަރުހަލާތަކުން ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެކަލޭގެފާނު ގޭތެރޭގައި އަޙްލާޤު ގެންގުޅުއްވި ގޮތުގެ މައްޗަށް މިނިސްޓަރ އަލިއަޅުވައިލެއްވިއެވެ. އަދި އާންމު ދިރިއުޅުމުގައިވެސް އެކަލޭގެފާނުގެ ޙުލްޤުފުޅުން ދެއްކެވި ރިވެތި ސިފަތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ގުޅުންތައް ދެމެހެއްޓެވި ގޮތުގެ މައްޗަށް މިނިސްޓަރގެ ވާހަކަފުޅު ބިނާކުރެއްވިއެވެ.

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ވަނީ މާތް ﷲގެ ރުހިވޮޑިގަތުން ބޭނުންވާ މީހަކުނަމަ ކީރިތި ރަސޫލާ ﷺގެ ހަޔާތްފުޅުން ނަމޫނާ ލިބިގަތުމަށް އަންގަވާފައިވާކަމަށް ވިދާޅުވެފައެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިސާއެއް ކިޔަންވާނީ އަދި ބަލަންވާނީ އެއިން އިބުރަތް ލިބިގަނެ، އެއިން ނަމޫނާ ލިބިގަތުމަށްކަމަށްވެސް އަނިލް ވިދާޅުވިއެވެ.

ޒަމާނުއްސުރެ އިހްޔާ ފޯރަމް ބާއްވަމުން އައިސްފައިވަނީ މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަހަށް ރާވާފައިވާ ކަންކަމުގެ ތެރެއިން، މާލެއެކޭ އެއް ފެންވަރެއްގައި އިހްޔާ ފޯރަމްތައް އަތޮޅުތެރޭގައިވެސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފުވައްމުަލަކު ސިޓީގެ އިތުރުން މިއަހަރުގެ ފޯރަމް މިހާތަނަށް އައްޑޫގައާއި ރ. ދުވާފަރުގައި އަދި ހދ. ކުޅުދުއްފުށީގައި ވަނީ ބާއްވާފައެވެ.