ވިޔަފާރި

ފުވައްމުލަކު ބަނދަރުގައި އަޅާ ސަފާރީތަކުން ފީނެގުން ފަސްކޮށްފި


ފުވައްމުލަކު ފަޅުގައި އަޅާ ސަފާރީތަކުން ފީ ނަގަން ފެށުން ފަސްކުރަން ފުވައްމުލަކު ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލުން ކުރިން ނިންމާފައިވަނީ އެރަށު ފަޅުގައި އަޅާ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު ނެގުމަށެވެ. ނަމަވެސް ފާޑުކިޔުންތަކާއިއެކު ފަހުން މި އަގު ވަނީ 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު އަދި 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު ނެގުމަށް މުރާޖާކޮށް އަލުން ފާސްކޮށްފައެވެ.

ސަފާރީތަކުން ފީނެގުމަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ފުވައްމުލަކު ސިޓީ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާއެއްގައި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވަނީ ފީނެގުން ފަސްކުރުމަށެވެ.

ފުވައްމުލަކު ބަނދަރަށް ވަންނަ ސަފާރީތަކުން ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން ދިޔައީ 50 ޑޮލަރެވެ. ކުއްލިއަކަށް މިއަދަދު 500 ޑޮލަރަށް އިތުރުކުރުމުން އެއިރު ކައުންސިލަށް ގިނަ ބަޔަކު ފާޑުވެސްކިއެވެ. ފުވައްމުލަކު ކައުންސިލްގެ އެ ނިންމުމާ ގުޅިގެން ބޯޓިން އެސޯސިއޭޝަނުން ބުނެފައިވަނީ ބޭރުގެ އޮޕަރޭޓަރުން ކައިރީގައި އެކިދުވަހު އެކިއަގު ކިޔުމުން ވެއްޓެނީ ރާއްޖޭގެ ޓޫރިޒަމްގެ އަގު ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 150 ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. އަދި މި 150 ސަފާރީގައި ޖުމްލަ 2954 އެނދު އޮޕަރޭޓްކުރެއެވެ.