ވިޔަފާރި

ތޯމަސް ކުކްއާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފި


އިންޑިއާގެ އެންމެ ބޮޑު އެއް ޓްރެވެލް އޮޕަރޭޓަރ ތޯމަސް ކުކްއާއެކު އެމްއެމްޕީއާރުސީން ކެންޕެއިނެއް ފަށައިފިއެވެ. މި ސްޓްރެޓީޖިކް ޕާޓްނަރޝިޕްގެ ސަބަބުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތައް ކުރިއެރުންތަކެއް ލިބި، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއީ 3 މަސްދުވަހުގެ ކެންޕެއިނެކެވެ.

މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖެއަކީ އިންޑިއާގެ އެކި ފަންތީގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމުން މިތަނުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ރައްކާތެރިކަމާއި، އެކަހެރިކަން ޕްރޮމޯޓުކުރެވޭނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވޭނެއެވެ. އަދި ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި، މައުލޫމާތު އިންޑިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެއެވެ. މި ކެމްޕެއިންގެ ސަބަބުން އިންޑިއާ މާކެޓުގައި ރާއްޖެ އިޝަތިހާރުވެ، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ.

މި ކެމްޕެއިންއާއި ބެހޭ ގޮތުން ވާހަކަ ދައްވަކަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުހައްމަދު ވަނީ އިންޑިއާއަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އެއް މާކެޓްކަމަށް ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ކޯވިޑްގެ ސަބަބުން ކުރި ނޭދެވޭ އަސަރުން އަރައިގަތުމުގައި މުހިންމު ދައުރެއް އަދާކުރި މާކެޓެއްކަން ޠައްޔިބް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޠައްޔިބް ވަނީ ތޯމަސް ކުކްއާއެކު އެމްއެމްޕީއާރުސީން މި ފެށި ކެމްޕެއިން ކާމިޔާބު ވާނެކަމާމެދު ޝައްކެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މީގެސަބަބުން ރާއްޖެއަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދާއި، ބުކިންތަކުގެ އަދަދު އިތުރުވާނެކަމަށްވެސް ޠައްޔިބު ވިދާޅުވިއެވެ.

ތޯމަސް ކުކް އަކީ އިންޑިއާގެ އެންމެ ޒަމާންވީ، ބޮޑު، އަދި އިތުބާރު ލިބިފައިވާ އެއް ޓުއަރ އޮޕަރޭޓަރެވެ. 140 އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ މިކުންފުންޏަކީ ފަތުރުވެރިކަމާ ގުޅުން ހުރި ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި މުޅި އިންޑިއާގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. އަދި މިއީ ރާއްޖޭގެ ޕެކޭޖުތައްވެސް އިންޑިއާ މާކެޓަށް އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ އެއް ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ މިޑް-މާކެޓް އަދި ލަގްޒަރީ ޕްރޮޕަޓީސްތަކުގެ ޕެކޭޖްތައް ތޯމަސް ކުކް އިން ވިއްކައެވެ.

މި ކެމްޕެއިންގެ ދަށުން ތޯމަސް ކުކްއިން ޕްރިންޓް، ޑިޖިޓަލް އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއިން ލިބެން ހުންނަ ފަތުރުވެރިކަމުގެ ތަފާތު ޚިދުމަތްތަކާއި، ސެގްމެންޓުތަކުގެ މައުލޫމާތު އިންޑިއާ މާކެޓުގެ ފަތުރުވެރިންނާ ހަމައަށް ފޯރުކޮށްދެވޭނެއެވެ. މީގެސަބަބުން އިންޑިއާ މާކެޓުގެ ފަތުރުވެރިން ރާއްޖެއާ ބެހޭގޮތުން މަޢުލޫމާތު ހޯދާ މިންވަރު އިތުރުވެ، ބުކިން، ސޭލްސް އަދި އެރައިވަލްސް އިތުރުވާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އިންޑިއާއަކީ 2021 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް އިންޑިއާއިން 278،740 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ އެއަހަރުގެ ޖުމްލަ އެރައިވަލްސްގެ 22.6 އިންސައްތައެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 59،404 ފަތުރުވެރިން އައިސް އިންޑިއާ ހިމެނެނީ ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.