އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް އަންނަ ސީޒަނުގެ ލީގުގައި ދެމިއޮތުމަށް ބާންލީން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާންލީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ސައުތެމްޓަނުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ބާންލީންނެވެ. އަދި މި މެޗް ވެގެންދިޔައީ ފަހަކަށް އައިސް ބާންލިގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެންދިޔަ އެއް މެޗަށެވެ.
އެގޮތުން މި މެޗްގެ ފުރަތަމަ ލަނޑު ބާންލީން ކާމިޔާބުކުރީ މެޗްގެ 12 ވަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޯނޯ ރޮބާޓްސްއެވެ. އަދި ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެ ޓީމްގެ ލީޑު ފުޅަކޮށްދިނީ ނޭތަން ކޮލިންސްއެވެ. މިމެޗްގެ ދެވަނަ ހާފްގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ.
މި މެޗަކީ ބާންލީގެ ކޯޗުކަމުގެ މަގާމުން ޝޯން ޑައިސް ވަކިކުރި ފަހުން އެ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ މެޗެވެ. އަދި މި ސީޒަންގައި ބާންލީއަށް ކާމިޔާބުކުރެވުނު ފަސްވަނަ މެޗެވެ.
މި ކާމިޔާބީއާއެކު ބާންލީ މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ. އަދި 17 ވަނައިގައި އުޅޭ އެވަޓަންއާ މިހާރު ވަނީ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. ނަމަވެސް އެވަޓަންއަށް ބާކީ އެއް މެޗް އޮތުމުން، މި ފަރަގު ބޮޑުކުރުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
ބާންލީއަށް ބާކީ މި ސީޒަންގައި ހަ މެޗް އޮތްއިރު، ރެލިގޭޝަނުން ސަލާމަތްވުމަށްޓަކައި 17 ވަނައަށް ނުވަތަ އެއަށްވުރެ މައްޗަށް ޖެހިލަން ޖެހެއެވެ. އެހެންކަމުން ބާކީ ހުރި ހުރިހާ މެޗަކީވެސް އެ ޓީމަށް މޮޅުވާން މަޖުބޫރު މެޗުތަކެކެވެ. މީގެ އިތުރުން ބާންލީ އަތުން ބަލިވުމުން ސައުތެމްޓަން މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.