ޚަބަރު

އައްމަޓީ ދޫކޮށްލި މައްސަލަ ސްޕްރީމް ކޯޓުން އާދީއްތަ ދުވަހު ނިންމަނީ


މަކަރާއި ހީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ބަންދުން ދޫކޮށްލި މައްސަލަ އަންނަ އާދިއްތަ ދުވަހު ނިންމަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

އަޙްމަދު މޫސާގެ ދެ ކޮއްކޮ ޖާމިނުކޮށް ޝަރުތަތަކެއް ކަނޑައެޅުމަށްފަހު ދަށު ކޯޓުން އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓްގައިވެސް އިސްތިއުނާފުކުރިއެވެ. އެހެންނަމަވެސް އެ މައްސަލަ ހުށައަޅާފައިވަނީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފުކުރަން އޮންނަ 48 ގަޑިއިރަށްވުރެ ފަހުންކަމަށް ކަނޑައަޅާ ހައިކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބުނާ 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމާ ދުވަސް ނުހިމަނާކަމަށް ބުނެ ހައިކޯޓްގެ ނިންމުމަކީ ޤާނޫނީ އަސާސްތަކާއި ޚިލާފު ނިންމުމެއްކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް އެ މައްސަލަ ސުޕްރީމްކޯޓަށް ހުށައަޅިއެވެ. އެ މައްސަލައިގެ އަޑުއެއެހުންތަކަށްފަހު އަންނަ އާދިއްތަ ދުވަހު މައްސަލަ ނިންމަން އެންމެ މަތީކޯޓުން ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލަ ނިމެންދެން ދައުލަތުގެ އެއްވެސް ވެރިޔަކު އެ މައްސަލައާ ގުޅޭ އެއްވެސް ވާހަކައެއް އެއްވެސް ތާކު ނުދެއްކުމަށް ސުޕްރީމްކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ. ކޯޓްގެ މި އަމުރު އައިސްފައިވަނީ މި މައްސަލަގައި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ އަމިއްލަ ބްލޮގާއި ޓްވީޓާގައި ވާހަކަދައްކަވާފައި ވާތީއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އޭނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުއެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.

އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.