ޚަބަރު

ޒެލެންސްކީއަށް ހިތްވަރުދިނުމަށް ވިލާތުގެ ދެ ޤައުމެއްގެ ބޮޑުވަޒީން ކިޔޭވަށް


ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ޔޫކްރެއިނުގެ ރައީސް ވޮލޮދިމީރް ޒެލެންސްކީއަށް ހިތްވަރުދެއްވުމަށް އެ ޤައުމުގެ ވެރިރަށް ކިޔޭވަށް ވިލާތުގެ ދެ ޤައުމެއްގެ ބޮޑުވަޒީރުން ވަޑައިގެންފިއެވެ.

ކިޔޭވުގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސުޕެއިނުގެ ބޮޑުވަޒީރު ޕެދުރޯ ސަންޗޭސްވަނީ ޔޫކްރެއިނަށް 200 ޓަނުގެ ހަތިޔާރު ފޮނުވާފައިވާކަން އިޢުލާންކުރައްވައިފައެވެ. އެއީ މީގެ ކުރިން ސުޕެއިނުން ޔޫކްރެއިނަށް ފޮނުވާފައިވާ ހަތިޔާރުގެ ދެގުނަ އިތުރު ޢަދަދެކެވެ. އެ ބައްދަލުވުމުގައި ޒެލެންސްކީއާއި ސަންޗޭސާއެކު ވާހަކަދައްކަވަމުން ޑެންމާކުގެ ބޮޑުވަޒީރު މެތެ ފުރެޑުރިކްސެންވަނީ ޔޫކްރެއިނަށް އިތުރު 87.60 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ދިނުމަށް އެ ކަމަނާގެ ސަރުކާރުން ނިންމާފައިވާކަން އިޢުލާންކުރައްވައިފައެވެ. އެއާއެކު ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޑެންމާކުން ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ ހަތިޔާރުގެ އަގު 45 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. ފުރެޑުރިކްސެން ވިދާޅުވި ގޮތުގައި މީގެ ކުރިން ޔޫކްރެއިނުގެ ޙާލަތު ފެނިފައިވަނީ ޓީވީތަކުންނާއި ނޫސްތަކުންކަމަށެވެ. ނަމަވެސް ޔޫކްރެއިނަށް ވަޑައިގަތުމުން އެ ޤައުމަށް ލިބިފައިވާ ގެއްލުންތައް ވަރަށް ކައިރިން ފެނިވަޑައިގެންނެވިކަމަށާއި އެއީ ހިތްދަތި މަންޒަރެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަންޗޭސް ވިދާޅުވީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ ތަޙުޤީޤީ ވަފުދެއް ޔޫކްރެއިނަށް ފޮނުވުމަށް ސުޕެއިނުން ބާރުއަޅާނެކަމަށެވެ. އަދި ޔޫކްރެއިނުގައި ރަޝިޔާއިން ހިންގަމުންދާ ޤަތުލުޢާއްމު ކޮންމެހެންވެސް ތަޙުޤީޤުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އިނގިރޭސިވިލާތާއި ޕޯލޭންޑާއި ޗެކް ރިޕަބްލިކާއި ސުލޮވޭނިޔާގެ ބޮޑުވަޒީރުންނާއި ޕޯލޭންޑާއި ލިތުއޭނިޔާއާއި ލެތުވިޔާއާއި އެސްތޯނިޔާގެ ރައީސުންވަނީ ކިޔޭވަށް ވަޑައިގެން ޒެލެންސްކީއާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފައެވެ.