ޚަބަރު

ޔަހޫދީން އަޤްޞާއަށް ވަދެގަތުން ނުހުއްޓޭ، ޣައްޒާއަށްވެސް ވަރުގަދަ ޙަމަލާތަކެއް


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީގެ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކަތްކަމަށްވާ މަސްޖިދުލް އަޤްޞާއަށް ހުއްޓުމެއްނެތި ޔަހޫދީން ވަންނަން ފަށައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ޙިމާޔަތުގައި އެތައް ސަތޭކަ ޔަހޫދީންނެއްވަނީ އަޤްޞާއަށް ގަދަކަމުން ވަދެގަނެ މިސްކިތުގެ ޙުރުމަތްކަނޑައިފައެވެ. އޭގެ އިތުރުން މިސްކިތުގައި ނަމާދުކުރަމުންދާ މުސްލިމުންނާ ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކާ ދެމެދު ކޮންމެ ދުވަހަކުހެން ބޮޑެތި ކުރިމަތިލުންތަކެއް ހިނގައެވެ. އެ ގޮތުން މުސްލިމުންނާ ދެކޮޅަށް ކަރުނަގޭހާއި ރަބަރު އުންޑަ ބޭނުންކުރުމުގެ ސަބަބުން އެތައް ސަތޭކަ މީހުންނަކަށް ބޮޑެތި އަނިޔާތަކެއްވަނީ ލިބިފައެވެ. އެއާއެކު އަޤްޞާގެ ދިފާޢުގައި ފަލަސްޠީނުގެ ޒުވާނުންނަށްވަނީ ޕެޓުރޯލް ބޮމާއި ގަލުން ޔަހޫދީންނާ ކުރިމަތިލާން މަޖުބޫރުވެފައެވެ.

ފަލަސްޠީނުގެ އެހެން ބިންތަކާ ވަކިން އޮންނަ ޣައްޒާއަށްވެސްވަނީ ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުގެ ޙަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. އެ ގޮތުން ފާއިތުވި ހަފުތާގެ ތެރޭގައި ދެ ފަހަރެއްމަތިން ޔަހޫދީ ފައުޖުތަކުންވަނީ ޣައްޒާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ. މިދިޔަ ރަމަޟާން މަހުގެ ތެރޭގައިވެސް ޔަހޫދީންވަނީ އަޤްޞާގައި ލާއިންސާނީ ޢަމަލުތައް ހިންގައިފައެވެ. ރައްދުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުންވަނީ ޔަހޫދީންނާ ދެކޮޅަށް އެގާރަ ދުވަހުގެ ހަނގުރާމައެއްކޮށްފައެވެ. އެ ގޮތުން ޔަހޫދީ އާބާދީތަކަށް ޢަމާޒުކޮށް ޙަމާސުންވަނީ 4،000އަށްވުރެ ގިނަ މިސައިލް ޙަމަލާދީފައެވެ. އެހެންކަމުން ޔަހޫދީންގެ އަނިޔާވެރިކަމުގެ ސަބަބުން މި އަހަރުވެސް ޙަމާސުން ވަރުގަދަ ޙަމަލާތަކެއް ދީފާނެކަމުގެ ބިރުވެރިކަންވަނީ ބޮޑުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ޢަރަބިންނާއި ޔަހޫދީންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެ ގޮތުން މިދިޔަ މާރިޗު މަހުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ 20 މީހުންނާއި އިސްރާއީލުގެ 14 މީހުންވަނީ މަރުވެފައެވެ.

އދން ބުނެފައިވަނީ ޢަދާވާތްތެރިކަން ހުއްޓާލައި މުޤައްދަސް ސަރަޙައްދުތަކުގައި ހަމަޖެހުން ޤާއިމުކުރުން މުޙިއްމުކަމަށެވެ. ނަމަވެސް އަޤްޞާގެ ޙުރުމަތްކަނޑައި މައްސަލާގައި އދގެ އެއްވެސް އިދާރާއަކުން ކުރިއެކޭވެސް އެއްގޮތަށް އެދެވޭ އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާއި ޔަހޫދީން ކުރި ހަނގުރާމާގައި އިރުމަތީގެ ޤުދުސްވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ޤުދުސްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް ހަރުކަށި ޔަހޫދީންވަނީ މަސައްކަތް ފަށައިފައެވެ. ނަމަވެސް އެއީ ބައިނަލްއަޤްވާމީ ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ.