ޚަބަރު

މިއަހަރު ޙައްޖަށް މީހުން ގެންދިޔުމަށް ލިބޭ ކޯޓާ މަދުވާނެ- އިސްލާމިކް މިނިސްޓަރ


މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް 453 ކޯޓާ ސައުދީން ދީފިއެވެ. މިއަހަރު ޙައްޖަށް މީހުން ގެންދާ އަދަދު ސައުދީން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިއީ ޕެންޑަމިކުގެ ކުރިން ޙައްޖުގައި ބައިވެރިވާ މީހުންގެ ޢަދަދަށްވުރެ ބޮޑު ތަނުން މަދު ޢަދަދެކެވެ. މީގެ ކުރިން 160 ޤައުމަކުން 2.5 މިލިއަން މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވަމުން އައެވެ. ނަމަވެސް 2020 ވަނަ އަހަރު މައްކާގައި ކޯވިޑް-19 ފެތުރެން ފެށުމުން ބަލި ކޮންޓްރޯލްކުރުމަށްޓަކައި އެޅި ވަރުގަދަ ފިޔަވަޅުތަކާއެކު އެ އަހަރުގެ ޙައްޖުގައި ބައުވެރިކޮށްފައިވަނީ ސައުދީގައި އުޅުނު 1000 މީހުންނެވެ. އޭގެފަހުން 2021 ވަނަ އަހަރު ޙައްޖުގައި ބައިވެރިވުމަށް ހުޅުވާލީ ހަމައެކަނި ސަޢުދީގެ ރައްޔިތުންގެ ތެރެއިން 60000 މީހުންނަށެވެ. ނަމަވެސް އެއަހަރު ޙައްޖުގައި ބައިވެރިވި މީހުންގެ ޢަދަދުވެސް އެއަށްވުރެ މަދެވެ

ކޯވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފައެވެ. އެހެންނަމަވެސް ކޯވިޑްގެ ހާލަތާ ގުޅިގެން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައިވެސް ފިޔަވަޅުތަކެއް އެޅިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވީ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި ލިބޭނެ ކޯޓާގެ އަދަދު މަދުވާނެކަމަށް ސަޢުދީ ސަރުކާރުން އަންގާފައިވާކަމަށެވެ. އެގޮތުން ކޯޓާގެ އަދަދު 45 އިންސައްތައަށް މަދުވެދާނެކަމަށް ބެލެވޭކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރަށްވެސް ކޯޓާ ހޯދުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ މާރިޗުމަހުގެ 6 ވަނަ ދުވަހު ސަޢުދީ ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން މައްކާގެ ޙަރަމްފުޅުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލާފައެވެ. އެގޮތުން ނަމާދުގައި ގައިދުރުކުރުން ވަނީ ހުއްޓާލާފައެވެ. އަދި މިއަހަރުގެ ޙައްޖަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުންނަށް ބައިވެރިވެވޭނެކަން ވަނީ ހާމަކޮށްފައެވެ. ފިޔަވަޅުތައް އުވާލުމާއެކު މިއަހަރުގެ ޙައްޖަށް މީހުން އެތެރެވުމަށް ދޫކުރާ ކޯޓާތައް މުރާޖަޢާކުރުމަށްފަހު އިޢުލާންކުރާނެކަން ސަޢުދީ ސަރުކާރުން އޮތީ ހާމަކޮށްފައެވެ.

މިއަހަރުގެ ޙައްޖުގެ ބައިވެރިން ވާންޖެހޭނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ، 65 އަހަރުން ދަށުގެ މީހުންނަށެވެ. އަދި ސަޢުދީން ބޭރުން އަންނަ ޙާއްޖާޖީން އެތެރެވުމުގައި ނެގެޓިވް ޕީ.ސީ.އާރު ޓެސްޓެއް ހުށަހަޅަންޖެހޭނެއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން ފެށޭނެކަމަށް ކަލަންޑަރުގައިވާ ތާރީޚަކީ ޖުލައިމަހުގެ 7 ވަނަ ދުވަހެވެ.