ޚަބަރު

އިންޑިއާ އައުޓް ހަރަކާތަށް ޖާގައެއް ނެތް، ދެން ކުރިއަކަށް ނުގެންދެވޭނެ: އަލީ ޒާހިރު


އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް ދެން ކުރިއަށް ނުގެންދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ވަނީ ނިންމާފައެވެ.

ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމި ނިންމުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާއި ދެކޮޅަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، އެކަން ތަންފީޛް ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގަވާފައެވެ. ސަރުކާރުން މިފިޔަވަޅު އަޅަންޖެނު ސަބަބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެެއްވި ޚާއްސަ އިންޓަރވިއުއެއްގައި އަލީ ޒާހިރު ވިދާޅުވީ މިފިޔަވަޅު އަޅަންޖެހުނީ ރޭވުން ތެރިކަމާއި، ނުރައްކާތެރިކަން ވަރަށް ފުނަށް ދިއުމުން ކަމަށެވެ.

މިފަދަ ފިޔަވަޅެއް އަޅަންޖެހުނީ ޚިޔާލް ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދޭދޭ ޤައުމުތަކާއި، ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއި އޮތް ގުޅުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއްކަމަށާއި މި ހަރަކާތަކީ އަޑީގައި ނުރައްކާތެރި އެޖެންޑާއެއް އޮތް ހަރަކާތެއްކަމަށް ގިނަ މައުލޫމާތުތަކެއް ލިބިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

ރާއްޖެއަކީ ބައިނަލްއަޤުވާމީ ގިނަ މުއާހަދާތަކާއި، އެއްބަސްވުންތަކުގައި ސޮއިކޮށް ޑިމޮކްރެޓިކް ހަމަތަކުގެ މަތީން އުޅޭ ޤައުމެއްކަން އަލީ ޒާހިރު ފާހަގަކުރެއްވިއެވެ. އަދި އެއްބަސްވުންތަކުގައި ރާއްޖެއަށް އަންނަ ބޭރުގެ އެކި ޤައުމުތަކުގެ މީހުންނަށް އިޚުތިރާމު ކުރުމާއި، އެމީހުންނަށް ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކުންވެސް ކަށަވަރު ކޮށްދޭ ހައްގެއްކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

"އަވަށްޓެރި އިންޑިއާ ކަމުގައި ވީނަމަވެސް، އެހެން ޤައުމެއް ކަމުގައި ވީނަމަވެސް ވަކި ޤައުމަކާއި ވަކި ނަސްލަކާއި، މެދުގައި އެބާވަތުގެ ނަފްތަރެއް އުފައްދައި، މީސްމީހުންގެ ފުރާނައަށާއި، އަދި ދިރިއުޅުމަށް އޭގައިން ދަރިވާ ހިސާބަށް ކަންކަން ގެންދިއުމަކީ އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އަދި ފަރާތްތަކަށް މިފުރުސަތު ނުދެއްވާނެކަން މިއަދު ޔަގީން ވެގެން މިދިޔައީ." އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތުތަކާއި، ރައީސްގެ ނިންމެވުމާއި ގުޅިގެން ޤައުމުތަކުން މަރުހަބާ ކިޔާނެކަމަށެވެ. އަދި ޤަރާރުގައިވެސް ޔަގީންކަން ދެއްވާފައިވަނީ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޤާނޫނުގެ ތެރެއިން އެންމެ ފުންމިނަށް ލިބޭނެ ގޮތަށް ކަމަށާއި މާލެ އަކީ ކޮންމެ ކޮންމެ ތަނެއްގައި މުޒާހަރާކޮށް އެއްވެ އުޅުން މަނާ ތަންތަން ކަނޑައަޅާފައިވާ ތަނަކަށް ވީނަމަވެސް، ސަރުކާރުން އެފުރުސަތު ދީފައިވާކަން އަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ޤައުމުގެ އަމާންކަން ގެއްލޭ ހިސާބަށް ދިއުމުން އެފުރުސަތު ދެވެން ނޯންނާނެކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

"ވަކި ޝިއާރެއްގައި ވަކި ބެނާއެއްގެ ދަށުން ވަކި މަޤުސަދެއްގައި، ވަކި އެޖެންޑާއެއްގައި، ވަކި ކަމެއް ހާސިލް ކުރުމަށް އެކަން ރޭވިގެން ފެށި ހިސާބުން އެކަމަށް ހުއްޓުމެއް މިގެނައީ. އެއީ އަޅުގަނޑުމެން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން. މިކަން ބައިނަލް އަގުވާމީ މުޖުތަމައުން ބަލައި ގަންނާނެ. މީގެ ކުރިން މިކަމަށް ދޫދެވިފައިވާ މިންވަރަށް މިހިސާބުން މިމުމަކަށް މިއައީ." އަލީ ޒާހިރު ވިދާޅުވިއެވެ.

ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން ރާއްޖެއިން ގެންގުޅޭ ހުރިހާ ޤައުމަކާއިވެސް ގުޅިގެން މަސައްކަތް ކުރުމުގެ ސިޔާސަތުގެ ދަށުން ބައިނަލް އަގުވާމީ މަސްރަހުގައި ރާއްޖެ ދަނީ ބޮޑެތި ކާމިޔާބީ ހޯދަމުންނެވެ. އެގޮތުން ބައިނަލް އަޤުވާމީ މުހިންމު މަޤާމުތަކާއި، ރަން ވަނަތައް އެކި ދާއިރާތަކުން ރާއްޖެއަށް ލިބެމުންދާކަން އަލީ ޒާހިރު ވަނީ ފާހަގަކޮށްފައެވެ.