ޚަބަރު

ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުގެނުވާނެ 3 ޚިދުމަތެއް ފެށުމަށް ތައްޔާރުވެއްޖެ

މާލެއިން ލިބެން ހުންނަ ސިއްޙީ ޚިދުމަތްތައް އަތޮޅު ތެރެއަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އަދި އިތުރު ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމަކީވެސް ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެކްސިޑެންޓުތަކާއި އެކިއެކި ބަލިތަކުގެ ސަބަބުން ހުޅު ބަދަލުކުރުމާއި ބައެއް ޙާލަތްތަކުގައި ގުނަވަން ބަދަލުކުރުންފަދަ ކަންކަމަކީ މީގެ ކުރިން ބޮޑު ޚަރަދުކޮށްދެން ރާއްޖެއިން ބޭރުން ކުރާކަމެކެވެ. މިހާރު ރާއްޖެއިން މިފަދަ ބައެއް ޕްރޮސީޖަރތައް ކުރިއަށްގެންދެއެވެ. އެހެންނަމަވެސް މިކަމަށް ޚާއްސަ ސެންޓަރެއް ނުހުރެއެވެ.

ރާއްޖެއާއި އިންޑިއާ ސަރުކާރާއި ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި މިކަމަށް ޚާއްސަ ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނިފެކްޗަރކުރުމަށް ވޯކްޝޮޕެއް ޤާއިމުކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ. މިއެއްބަސްވުމުގެ ދަށުން އެތަނަށް ބޭނުންވާ މެޝިނަރީޒް އާއި އެހެނިހެން ވަޞީލަތްތައް ހޯދާ ވޯކްޝޮޕް ހިންގުމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމަށްވަނީ ހަމަޖެހިފައެވެ. މިވޯކްޝޮޕް ޤާއިމުކުރުމަށް 1.99 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 5 ސަރަޙައްދެއް ޓަރޝިއަރީ ފެންވަރަށް ހޮސްޕިޓަލް ތަރައްޤީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މީގެ ދަށުން ތަރައްޤީކުރާ އެއްތަނަކީ ކުޅުދުއްފުށީ ހޮސްޕިޓަލެވެ. ޓާޝިއަރީ ފެންވަރަށް އެހޮސްޕިޓަލް ގެނައުމަށް އެފެންވަރުގެ ޚިދުމަތް ލިބޭތަނަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ޤާއިމްކުރުމަށް މިހާރުވަނީ ނިންމާފައެވެ. މިމަޝްރޫޢުގެ ދަށުން އެންމެ ޒަމާނީ ސްޕީޗް ތެރަޕީ ޔުނިޓެއް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޤާއިމުކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެތަނުގައި ސައުންޑް ޕްރޫފް ސްޓޭޝަނަކާއެކު އޯޑިއޯ-މެޓްރީ ސެޓަޕެއް ޤާއިމްކޮށް، އެކަމަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ބެހެއްޓުމަށްވެސްވަނީ ހަމަޖެހިފައެވެ. މިއީ 9 ލައްކަ ރުފިޔާގެ މަޝްރޫއެކެވެ.

އިންޑިއާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރއެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ މާލެ ބޭރުން ނަފްސާނީ ބައްޔަށް ޚާއްސަ މަރުކަޒެއް އެހެން ސަރަޙައްދެއްގައި ޤާއިމުކުރާ ފުރަތަމަ ފަހަރެވެ. މިސެންޓަރު ޤާއިމުކުރުމަށް 665000 ރުފިޔާގެ އެހީ އިންޑިއާ ސަރުކާރުންވަނީ ދީފައެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ނަފްސާނީ ބައްޔަށް ފަރުވާދެވޭނެ އިންތިޒާމު ހަމަޖައްސާ އާސަންދަ މެދުވެރިކޮށް ފަރުވާ ކުރިއަށްގެންދެވޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި އެހީދޭ ޤައުމުތަކާއި ޖަމިއްޔާތައް ގުޅިގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މާލެއާއި އަތޮޅުތެރޭގެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމާއި ވަޞީލަތް ހަމަކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.