ޚަބަރު

މިހާތަނަށް މާލެ ސަރަޙައްދުން ޒަކާތުގެ ގޮތުގައި 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ


ރަމަޟާން މަހުގެ މިހާތަނަށް މާލެ ސަރަހައްދުން ފިތުރު ޒަކާތުގެ ގޮތުގައި 2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު ފައިސާ ކަމަށާއި މިއީ ހަމައެކަނި މާލެ ސަރަޙައްދުން ލިބުނު ފައިސާކަމަށެވެ. އަދި އަތޮޅުތަކުން އޮންލައިންކޮށް ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ގުނަނީ ވަކިންކަމަށެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ފިތުރު ޒަކާތް ބަލައިގަންނަމުންނެވެ. މިގޮތުން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަހައްދުން 49451 މީހަކު ޒަކާތް ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ޖުމުލަ 2،225،581( ދެ މިލިޔަން ދެލައްކަ ފަންސަވީސްހާސް ފައްސަތޭކަ އައްޑިހަ އެއް ރުފިޔާ ވަނީ ލިބިފައެވެ.

ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ. މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00އާ ހަމައަށެވެ.

އޮންލައިންކޮށް ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ފައިސާ ރަމަޟާންމަހުގެ 28ވަނަ ދުވަސް (29 އެޕްރީލް) ވަނަދުވަހުގެ ނިޔަލަށެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކަށާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެތުރުން މިހާރު ވަނީ ގޮވާމުން ޒަކާތް ދެއްކޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 14:30 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށް ސީއެޗްއެސްސީ ހޯލުންނެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.