ޚަބަރު

މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއެކު އެޗްޑީސީން 11000 ފްލެޓް އަޅަނީ


ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުގެތަކުގެ ތެރެއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާއެކު 11000 ހައުސިން މަޝްރޫޢުގެ މަސައްކަތް ކުރެވިގެންދާނެކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި، ހުޅުމާލޭގައި ހިންގާ އެކި މަޝްރޫޢުތަކުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ އެޗްޑީސީގައެވެ. އެކުންފުނިން ގެންދަނީ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ލަގްޒަރީން ފްލެޓުން ފެށިގެން މެދު ފަންތީގެ އާމްދަނީއަށް ޚާއްސަކޮށްގެން ހައުސިން މަޝްރޫޢުތައް ގެންދަނީ ހިންގަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހުޅުވާލެވޭ މަޝްރޫޢުތަކާއިއެކު 11،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހާމަކޮށްދެއްވަމުން ސުހައިލް ވިދާޅުވީ، ޕްރައިވެޓް ސެކްޓާއާއިވެސް ހަވާލު ކުރެވިގެން ކުރިއަށްދާ މަޝްރޫއުތަކުގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ހަވާލު ކޮށްފައިވާ 6،000 ފްލެޓް އަޅަން އޮތް ބިމުގައި މިހާރު 4،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި އެޕޯލޯއަށް ހަވާލު ކުރެވުނު 1،000 ފްލެޓް އެޅުމުގެ މަސައްކަތްވެސް ހިނގަމުންދާކަމަށެވެ. މީގެ އިތުރުން ފޭސް ވަންގައި އަމިއްލަ ފަރާތްތަކަށް ހަވާލު ކުރެވިގެން 7000 ފްލެޓްގެ މަސައްކަތް ކުރެވެމުންދާކަމަށް ސުހައިލް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އިތުރުން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގަައި އިތުރު ފްލެޓްތައް އެޅުމަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިފްލެޓްތަކީ އެންމެ މަތީ ލެވެލްގެ ފްލެޓްތަކާއި އާންމު މީހުންނަށްވެސް ގަނެވޭނެ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކެކެވެ.

"ކުރިއަށް ދެ ހަފްތާގެ ތެރޭގައި އިތުރު ޕްލޮޓްތަކެއް އެބަ އެނައުންސް ކޮށްލަން، ހަމަ ޕްރައިވެޓް ސެކްޓާއަށް އެކި ފަންތީގެ ހައުސިންއަށް، ލަގްޒަރީން ފެށިގެން މިޑް އިންކަމްގެ ހައުސިންއަށް މިއަންނަ ހަފްތާއާއި އޭގެ ކުރިއަށް އޮތް ހަފްތާގައި އިއުލާން ކޮށްލާނެ. ޕައިޕްލައިންގައި ހުރި މަސައްކަތާއިއެކު ކުރިއަށް އެބައުޅޭ 11،000 ހައުސިން ޔުނިޓްގެ މަސައްކަތް." ސުހައިލް ވިދާޅުވިއެވެ.

ހައުސިންގ މައްސަލަތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފައިނަލްކޮށް، މިމަސް ނިމުމުގެ ކުރިން ޕްލޭނިން މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.