ކުޅިވަރު

ކްރޮއޭޝިއާގެ ޓީޓީ ކުޅުންތެރިން ދެ ހަފުތާއަށް ރާއްޖެއަށް


ރާއްޖޭގައި އަންނަ މަހު ބާއްވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދިނުމަށް ކްރޮއޭޝިއާގެ ޓީޓީ ޓީމު ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް އައި ޗެމްޕިއަނުންގެ ތެރެއިން ޓީޓީގެ ކުރީގެ ތަރި ޒޯރަން ޕްރައިމޯރެކް އާއެކު ކުރެވުނު މަޝްވަރާތަކާއެކު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ކްރޮއޭޝިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ދެ ހަފްތާއަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކްރޮއޭޝިއާގެ ގައުމީ ޓީޓީ ކުޅުންތެރިން ރާއްޖެ އައުން ވެގެންދާނީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފައިނަލުގައި ވާދަކޮށްފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.