ޚަބަރު

ބަންދުގައި ތިބި ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ 528 މީހުން ފިލައިފި


މެލޭޝިޔާގެ އިމިގްރޭޝަން މަރުކަޒެއްގައި ބަންދުކޮށްފައި ތިބި ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ 528 މީހުން ފިލައިފިއެވެ.

މެލޭޝިޔާގެ އުތުރުގައި އޮންނަ ޕެނާންގު ސުޓޭޓުގައި ހިންގައި އިމިގްރޭޝަން މަރުކަޒެއްގައި ހަމަނުޖެހުން ހިންގުމަށްފަހު ފިލި މީހުންގެ ތެރެއިން ހަ މީހުންވަނީ ހައިވޭއެއް ހުރަސްކުރަނިކޮށް މަރުވެފައެވެ. އޭގެ ތެރޭގައި ދެ އަންހެނުންނާއި ދެ ކުޑަކުދިން ހިމެނެއެވެ. އެތައް ސަތޭކަ ބަޔަކު ހަމަނުޖެހުން ހިންގުމަށްފަހު ފިލަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރުކަޒުގައި ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ 664 ތިއްބެވެ. އަދި އެ މަރުކަޒުގައި ހަމަނުޖެހުން ހިނގާފައިވަނީ 23 ފާރަވެރިން ތިއްބައެވެ. ފިލައިގެން ދިޔަ މީހުން ހޯދުމަށް ފުލުހުންނާއި އެ ނޫންވެސް ތަންފީޒީ ބާރުތަކުންވަނީ މަސައްކަތް ފަށައިފައެވެ. އަދި ފިލައިގެން އުޅެނިކޮށް ބައެއް މީހުން އަލުންވަނީ ހައްޔަރުކޮށްފައެވެ.

މީގެ ފަސް އަހަރުކުރިން މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގައި ދިރިއުޅޭ ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ މީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަން ފެށުމުން މިލިޔަނެއްހާ މީހުންވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުން ހިޖުރަކޮށްފައިވަނީ އަވަށްޓެރި ބަންގުލަދޭޝަށަށެވެ. އެ ޤައުމުގައި އެ މީހުން ދިރިއުޅެނީ ފޭލިގެތަކުގައި ވަރަށް ދަތި ޙާލުގައެވެ. އޭގެ އިތުރުން ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ މީހުންވަނީ ކުދި ބޯޓުފަހަރަށް އަރައިގެން އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ތައިލޭންޑުފަދަ ޤައުމުތަކަށް އެތެރެވުމަށް މަސައްކަތްކޮށްފައެވެ.

އދގެ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ރޮހިންޔާ ދަރިކޮޅަށް ނިޞްބަތްވާ 181،000އަށްވުރެ ގިނަ މީހުންވަނީ މެލޭޝިޔާއަށް ހިޖުރަކޮށްފައެވެ. ނަމަވެސް މެލޭޝިޔާގައި އެހެން އަންނަ މީހުންނަށް ރަށްވެހިކަމާއި ޙިމާޔަތްދިނުމުގެ އުޞޫލެއް ނޯވެއެވެ. އެހެންކަމުން އެހެން އަންނަ މީހުން ބަންދުކުރަނީ އިމިގްރޭޝަން މަރުކަޒުތަކުގައެވެ.