ޚަބަރު

ތެޔޮ ގަންނަން އިންޑިޔާއިން ލަންކާއަށް އިތުރު 500 މިލިޔަން ޑޮލަރު ދެނީ


ނާޒުކު އިޤްތިޞާދީ ޙާލަތަކާ ކުރިމަތިލަމުންދާ ސުރީ ލަންކާއިން ބޭނުންވާ ތެޔޮ ގަންނަން އިންޑިޔާއިން އިތުރު 500 މިލިޔަން އެމެރިކާ ޑޮލަރު ދޭން ނިންމައިފިއެވެ.

ސުރީ ލަންކާގެ ޚާރިޖީ ވަޒީރު ޖީ އެލް ޕެއިރިސް ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ އިދާރާގެ އެހީތެރިކަމަށް އެ ޤައުމުން އެދިފައިވާނެކަމަށާއި އެ އިދާރާއިން އެހީ ލިބެން ހަ މަސްދުވަސް ނަގާނެކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސުރީ ލަންކާއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް އަވަށްޓެރި އަދި ރަޙްމަތްތެރި ޤައުމުތަކުގެ އެހީއަށް އެދިފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ބަންގުލަދޭޝަށް ދައްކަންޖެހޭ 450 މިލިޔަން އެމެރިކާ ޑޮލަރުން ފަސްކޮށްދިނުމަށް އެ ޤައުމުން އެއްބަސްވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އިންޑިޔާއިންނެވެ. މީގެ ކުރިން އިންޑިޔާއިންވަނީ ފަހުން ފައިސާ ދައްކައި ގޮތަށް އެތައް ހާސް ޓަނެއްގެ ތެލާއި ހަނޑޫ ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ. އޭގެ އިތުރުން މާލީ އެހީގެ ގޮތުގައި އެ ޤައުމަށް 2.5 ބިލިޔަން އެމެރިކާ ޑޮލަރު އިންޑިޔާއިންވަނީ ދީފައެވެ. ޗައިނާއިންވެސް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ މާލީ އެހީތެރިކަން ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ.