ޚަބަރު

ޢަބްދުﷲ ޝާހިދު، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރައްވައިފި


އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތާއި ގުޅިގެން، އެކި އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީ އޮތް މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މިބައްދަލުވުމަކީ އިލެކްޝަން ކޮމިޝަންގެ މަސައްކަތްތަކުގެތެރޭގައި ހިމެނޭ ކަންމަށް ބޭރުގެ އެހީތެރިކަން ހޯދުމާއި، ޚާރިޖީ ދާއިރާއިން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

މިބައްދަލުވުމުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކަށް ފޯރުކޮށް ދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުންވެސް ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެކޮމިޝަނުގެ އޮފިޝަލުން ތަމްރީން ކުރުމަށާއި، އެނޫންވެސް އެކި އެހީތެރިކަން ފޯރުކޮށް ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޭގެ ތެރޭގައި، ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ބަހައްޓާ ވޯޓު ފޮށިތަކާ ގުޅޭގޮތުންނާއި، އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލުމަށް ރަޖިސްޓްރީވުމަށާއި، ވޯޓުލުމަށް ފަސޭހަ އިންތިޒާމު ތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ގާއިމް ކޮށްފައިވާ އެމްބަސީތަކުން އިންތިޚާބުގައި ފޯރުކޯށް ދެވިދާނެ އެހީތަކާގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.