ދުނިޔެ

އީރާނުގެ އިޤްތިޞާދަށް އާ ދިރުމެއް!


ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި އީރާނާއި ދުނިޔޭގެ ބާރުތަކުން ވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫޢާއި ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއްކޮށް ހުސްވި 2015 ވަނަ އަހަރުގެ ޖުލައި މަހު ތާރީޚީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިގޮތުން އީރާނާއި ދުނިޔޭގެ 6 ބާރު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޗައިނާ އަދި ރަޝިޔާއިން ޖުލައި މަހު ޤާއިމުކުރި އެއްބަސްވުމުގެ ދަށުންވަނީ އީރާނުން ކުރިއަށްގެންދާ ނިއުކްލިއާ މަޝްރޫޢު މަޑުޖައްސާލުމަށް ނިންމާފައެވެ. ބަދަލުގައި އެމެރިކާއާއި ހުޅަނގުން ބުނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށެވެ.އެހެން ނަމަވެސް މިފިޔަވަޅުތައް އުވާލާނީ އީރާނުން މިކަމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަޤްވާމީ އިދާރާއިން މިކަމުގެ ޔަޤީންކަން ދިނުމުން ކަމަށްވެސް ހުޅަނގުގެ ބާރުތަކުން ބުނެއެވެ. އެޓޮމިކް ހަކަތައާއި ބެހޭ އިދާރާއިން މިކަން މިހާރު ކަށަވަރު ކޮށްދީފައިވާއިރު، ހުޅަނގުގެ ބާރުތަކުން ވަނީ އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކޮށްފައެވެ. މިއީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި އީރާނުގެ ރައީސް ހަސަން ރޫޙާނީ ފާހަގަކުރައްވާފައިވާއިރު، ރޫޙާނީ ވިދާޅުވީ މިއާއިއެކު ބައިނަލްއަޤްވާމީ އިޤްތިސާދަށް އީރާނުގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއިއެކު، ބޭރުގެ ބޭންކްތަކުގައި ހުރި އީރާނުގެ 30 ބިލިއަންއަށް ވުރެ ގިނަ ފައިސާ އެޤައުމަށް މިހާރު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އީރާނުން ވަނީ ބޭރުގެ އިންވެސްޓަރުންނަށް ވެސް މަރުޚަބާ ކިޔާފައެވެ. އެގައުމުން ބުނީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 30 ބިލިއަން އެމެރިކާ ޑޮލަރާއި 50 ބިލިއަން އެމެރިކާ ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓްތައް ފެނިގެންދާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ވަނީ އެޤައުމުން އެއަރބަސް މަރުކައިގެ 114 މަތިންދާބޯޓު ގަންނާނެ ކަންވެސް ހާމަކުރައްވާފައެވެ. އީރާނުގެ އިޤްތިސާދުގެ މައި ތަނބުކަމަށްވާ ތެލުގެ ސިނާޢަތުން އެގައުމަށް ލިބެމުންދާ އާމްދަނީވެސް ދެން އިތުރުވެގެންދާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ. އަދި މިއާއެކު މެދުއިރުމައްޗަށް އިޤްތިސާދީ ކުރިއެރުމުގެ ގިނަ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. ހުޅަނގުގެ މިނިންމުމާއެކު އީރާނުގެ ފަތުރުވެރިކަމުގެ ސިނާޢަތްވެސް ކުރިއަރައިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނާއިއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރަން ފެށުމާއިއެކު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އަދި މިއެއްބަސްވުމަކީ އީރާނަށް ނިއުކްލިއަރ ބޮމެއް އުފެދުމުގެ ބާރު ނިގުޅައިގަންނަ އެއްބަސްވުމެއްގެ ގޮތުގައި އޮބާމާ ސިފަ ކުރެއްވިއެވެ. ނިއުކްލިއަރ މައްސަލައިގައި އެމެރިކާއިން އީރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ދެކޮޅަށް އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.އެމެރިކާއިން ބުނީ އީރާނުގެ ބެލިސްޓިކް ޕްރޮގްރާމަކީ އެ ސަރަހައްދާއި ދުނިޔޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި، މިކަމުގެ ސަބަބުން އެޤައުމާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި އީރާނަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.